އަންހެނުންނަށް ޚާއްޞަކޮށްގެން ފުޓްބޯޅަ އަދި ފުޓްސަލް ބޭސިކް ރެފްރީސް ކޯހެއް ބޭއްވުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންއިއުލާނުކޮށްފިއެވެ.

މި ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު 10 އިން 20 ގެ ނިޔަލަށް މާލޭގައެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އަންހެނުންނަށް އެކަންޏެވެ. ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ކުރިންއޮންލައިން ފޯމުފުރިހަމަކުރަންޖެހޭނެއެވެ.

މި ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އިނގިރޭސި ބަހުން ރަނގަޅަށް ވާހަކަދައްކަން އަދި ލިޔަން އެނގުމާއި، ގްރޭޑް 7 އިން ފާސްވެފައިވުން ހިމެނެއެވެ. މީގެ އިތުރުން ޕޮލިސް ރިޕޯޓް ހުށަހަޅަންޖެހޭނެއެވެ.

އެފްއޭއެމުން މައުލޫމާތުދޭ ގޮތުގައި، މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިން ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހޭނެއެވެ.

މިއީ އަންހެން ފުޓުބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދާ ޕްރޮގްރާމުތަކެކެވެ. އެފްއޭއެމުގެ މިހާރުގެ މެނޭޖްމަންޓުން ވަނީ ރާއްޖޭގައި އަންހެން ފުޓުބޯޅަ ފުޅާކުރުމަށް ގިނަ ޕްލޭންތަކެއް އެކުލަވާލާފައެވެ. އެގޮތުން ފީފާގެ އެހީގައި މިހާތަނަށް ގިނަ ހަރަކާތްތަކެއް ރާއްޖޭގައި ވަނީ ބާއްވާފައެވެ.