04 Oct 2012, 13:52
އަތަމާ އިން ވެސްޓްމަންޓުން ނަގާފައިވާ ހަ ލޯނަކަށް ފައިސާ ދައްކާފައި ނުވާތީ އިންޓްރެސްޓާއި ޖޫރިމަނާ އެކު ޖުމްލަ 700 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހަ ލޯނަށް ގެރެންޓީ ދީފައި ވަނީ މއ. އަތަމާގޭ އިބްރާހިމް އަބްދުއްލަތީފާއި މ. ކްރޯޓްން އާސިމާ ހަސަނާއި އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑެވެ.
ސިވިލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމްގައި ބުނަނީ ސެޕްޓެމްބަރު 30 އިން ފެށިގެން ހަތް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ ލޯނުތަކުގެ ރަހުނަށް ނަގާފައިވާ ކިހާދުއްފަރު ރިސޯޓާއި މާވެލާވަރު އައިލެންޑް ރިސޯޓު ވިއްކާލުމުގެ ހުއްދަ ލޯނުތައް ދޫކުރި ބޭންކުތަކަށް ލިބިގެންވާ ކަމަށެވެ.
ލޯނު ނެގި އިރު ރަހުނު ކޮށްފައިވާ ތަކެތީގެ ތެރޭގައި ދެ ރިސޯޓާއި އެތާނގެ ހުރިހާ އިމާރާތްތަކާއި ބިނާތަކާއި ހިދުމަތްދޭ ވަސީލަތްތަކާއި މެޝިނަރީތަކާއި އިކްއިޕްމެންޓްތަކާއި މަސައްކަތު ސާމާނާއި ފަރުނީޗަރާއި ހަރުކުރެވިފައިވާ ތަކެއްޗާއި ތަށި، ތެލި، ފަދަ ތަކެއްޗާއި އެނޫން ވެސް ބޭނުންކުރެވޭ ތަކެއްޗާއި އެ ތަންތަނާ ގުޅިފައިވާ ހުރިހާ ތަކެތި ވެސް ހިމެނެ އެވެ.
އެ ހުކުމްގައި ބުނެފައިވާ ގޮތުން އަތަމާ އިންވެސްޓްމަންޓަށް ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ބްރާންޗާއި މޮރިޝަސް ބްރާންޗް އަދި ކޮމާޝަލް ބޭންކް އޮފް ސިލޯނުން 2007 ވަނަ އަހަރާއި 2010 ވަނަ އަހަރު ހަ ލޯނެއް ނަގާފައިވެ އެވެ. އަދި އެ ލޯނުތަކުގެ ޖުމްލަ 38 މިލިއަން ޑޮލަރަށް އަރައެވެ.
އަދި އެ ލޯނުތަކަށް ބަރާބަރަށް ފައިސާ ދައްކަމުން ނުދާތީ އިންޓްރެސްޓާއި ޖޫރިމަނާ އާއި އެކު78،097.40 45،3 ޑޮލަރު ދައްކަން ޖެހިފައި އެބައޮތެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ބްރާންޗުން 15 މިލިއަން ޑޮލަރުގެ ލޯނަކާއި ފަސް މިލިއަން ޑޮލަރުގެ ލޯނެއް ވެސް އަތަމާ އިންވެސްޓްމަންޓުން ނަގާފައިވެ އެވެ.
މީގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މޮރިޝަސް ބްރާންޗުން ހަ މިލިއަން ޑޮލަރުގެ ލޯނަކާއި ހަތަރު މިލިއަން ޑޮލަރުގެ ލޯނަކާއި ދެ މިލިއަން ޑޮލަރުގެ ލޯނަކާއި އަދި ކޮމާޝަލް ބޭންކް އޮފް ސިލޯނުން ހަ މިލިއަން ޑޮލަރުގެ ލޯނެއް ވެސް ނަގާފައިވެ އެވެ.