ބައެއް ގޭންގްތަކުގެ ލީޑަރުންނަށް ސިޔާސީ ފަރާތްތަކުން މަހަކު އެއް މިލިޔަން ރުފިޔާ ހަރަދު ކުރާ ކަމަށް މާލޭގައި ކުރި ގޭންގްތަކާ ބެހޭ ދިރާސާއަކަށް ފަހު އާއްމުުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

މޯލްޑިވްސް އިންސްޓްޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް، ޓްރެއިނިން އެންޑް ރިސާޗް އާއި އޭޝިއާ ފައުންޑޭޝަން ގުޅިގެން ކުރި ދިރާސާއަކަށް ފަހު އާއްމުކޮށްފައިވާ ރިޕޯޓްގައި މާލޭގައި ހަރަކާތްތެރިވާ ގޭންތަކާ ހަވާލާދީ ބުނެފައި ވަނީ "ސިޔާސީ މީހުންގެ މުޑުދާރު ހަރަކާތްތައް ހިންގައި ދިނުމަށް ތައްޔާރަށް ތިބޭތީ އެ ގޭންގްތަކަށް ލީޑަރުން ބައެއް ފަހަރު މަހަކަށް އެއް މިލިޔަން ރުފިޔާ (65،000 ޑޮލަރުގެ) އާމްދަނީ އެއް ލިބޭ" ކަމަށެވެ.

އެރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ހައްދުފަހަނާއަޅާފައިވާ ބައެއް ހާދިސާތަކުގައި މީހުން މެރުމަށް ކޮންޓްރެކްޓް އުސޫލުން ބައެއް ގޭންގްތަކާ ހަވާލުކޮށްފައިވެ އެވެ.

"މީހެއްގެ މައުލޫމާތު ހިމެނޭ ފައިލެއް އަހަރެެމެން އަތަށް ދީފައި ބުނެފާނެ، އޭނާ މަރާލާށޭ، އެމީހަކު މަރާލުމުގެ އަގަކަށް އަހަރެމެންނަށް މިލިޔަނުން ފައިސާ ލިބިދާނެ،" ދިރާސާގެ ބައިވެރިންނަށް ގޭންގް މެމްބަރަކު ކިޔައިދިން ކަމަށް ރިޕޯޓްގައިވެ އެވެ.

ގޭންގްތަކުގެ މެމްބަރުން ސިޔާސީ މީހުންނަށް ބަރޯސާކުރާ ކަމަށާއި ގޭންގްތަކުން ވެސް ސިޔާސީ މީހުންގެ އެހީތެރިކަން ހޯދާކަމަށްވެސް އެ ރިޕޯޓްގައިވެ އެވެ. އެގޮތުން ގާނޫނު ހިންގާ ފަރާތްތަކުގެ ކިބައިން ސަލާމަތްވުމަށް ގޭންގް މީހުން ސިޔާސީ ފަރާތްތަކުގެ އެހީހޯދާއިރު އިދިކޮޅު ފަރާތްތައް ހުއްޓުވުމަށާއި މަޝްހޫރުކަން ދެމެހެއްޓުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި ސިޔާސީ މީހުން އަންނަނީ ގޭންގްތަކުގެ އެހީތެރިކަން ހޯދަމުން ކަމަށް ބުނެފައިވެ އެވެ.

"ސިޔާސީ ފަރާތްތައް ބްްލެކް މެއިލް ކުރުމަށް ބޭނުން ކުރެވިދާނެ ގާނޫނާ ހިލާފު ޑީލްތަކުގެ މައުލޫމާތުވެސް ގޭންގްތަކަށް އިނގެ އެވެ،" ސިޔާސީ މީހުންނާ ގޭންގްތަކާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ރިޕޯޓްގައިވެ އެވެ.

ގޭންގްތަކުގައި ހިމެނޭ އަންހެން މެމްބަރުންގެ ދައުރެއް ކަމަށް ރިޕޯޓްގައި ބުނެފައި ވަނީ ގޭންގްތަކުން ޓާގެޓްކުރާ ވަކި މީހުންނާ އެކު ގުޅުން ހިންގައި އެމަންޒަރު ވީޑިއޯކޮށް ޓޭޕްތައް ހެދުމާއި ބައެއް ހާލަތްތަކުގައި އިތުރު އާމްދަނީ ހޯދުމުގެ ގޮތުން ހަށި ވިއްކުމުގެ ވިޔަފާރީގައި ބޭނުންކުރުމެވެ.

"ރެޕިޑް ސިޗުއޭޝަން އެސެސްމަންޓް އޮފް ގޭންގްސް އިން މާލޭ"ގެ ނަމުގައި ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ގޭންގްތަކާ ބެހޭ ގިނަ ތަފްސީލު މައުލޫމާތުތައް ހިމެނެ އެވެ. އެގޮތުން ގޭންގްތައް އުފެދެން މެދުވެރިވާ ސަބަބުތަކާއި ގޭންގްތަކާ މީހުން ގުޅޭ ގުޅޭގޮތުގެ މައުލޫމާތުތައް އެރިޕޯޓްގައިވެ އެވެ. ރިޕޯޓްގައި ވާގޮތުން އެ ގޭންގުތަކުގައި 50- 400 އާ ދެމެދުގެ އަދަދަކަށް މެންބަރުން އުޅެ އެވެ.

އެ ރިޕޯޓް ތައްޔާރުކޮށްފައި ވަނީ ގޭންގްތަކުގެ މެމްބަރުންނާއި އެމީހުން ބޭނުންތަނެއްގައި ބައްދަލުކޮށް ވާހަކަ ދައްކައިގެން ލިބުނު މައުލޫމާތުގެ އަލީގަ އެވެ.

ފުލުހުން ބުނީ އެކަޑަމިކް ކަމަކަށް ނަމަވެސް، ނުވަތަ އެހެން ކަމަކަށް ނަމަވެސް އެފަދަ ރިޕޯޓެއް އާއްމުކޮށްފި ނަމަ އެ ރިޕޯޓެއް ދިރާސާކޮށް، ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް، އަޅަަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"އެފަދަ ރިޕޯޓެއްގައި ކަންތައްތަކެއް ރިކޮމެންޑްކޮށްފައިވާ ނަމަ އެކަންތަތަކަށް ވެސް އަޅުގަނޑުމެން ރިއާޔަތްކުރާނަން، ރަނގަޅުކުރަން ޖެހޭ ކަމެެއް ފާހަގަކޮށްފައިވާ ނަމަ ރަނގަޅުކުރަން، ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމެއް އޮތް ނަމަ އެކަމެއްގެ ހޭލުންތެރިކަން އިތުރުކުރަން އަޅުގަނޑުމެން އެކަން ކުރާނަން،" ފުުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފު ވިދާޅުވި އެވެ.