04 Oct 2012, 13:23
މާރާމާރީ އާއި މީހުން މެރުމުގެ ކުށްތައް ހުއްޓުވުމަކީ ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރާ ކަމެއްގެ ގޮތުގައި ހަމަޖައްސައިގެން ނޫނީ އެ އަމަލުތައް ހުއްޓުވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ޕީޕީއެމްގެ ޕަލަމެންޓްރީ ގްރޫޕްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމިން ވިދާޅުވީ މަރާމާރީގެ ކުށްތައް މަދުކުރުމަށް ސަރުކާރުން މަސައްކަތްކުރާކަން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެކަންތައްތައް ހުޓުވޭނީ ސަރުކާރުން މިހާރަށް ވުރެ ބޮޑަށް އެކަން ހުއްޓުވުމަށް މަސައްކަތްކޮށްގެން ކަމަށެވެ.
"[މާރާމާރީ އާއި މީހުން މެރުމުގެ ކުށްތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ] ސަރުކާރުން އެންމެ އިސްކަމެއްދޭ ކަމަކަށް ހައްދަވައިގެން ނޫނިއްޔާ އަޅުގަނޑުމެން ޕާޓީއަކުން ގަބޫލެއް ނުކުރަން ރާއްޖޭގައި މި ހިނގާ މާރާމާރީތައް ހުއްޓުވިދާނެ ކަމަކަށް،" ޔާމިން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މާރާމާރީގެ ކުށްތައް ހުއްޓުވުމަށް ޕީޕީއެމުން ވަނީ ހާއްސަ މަސައްކަތްތަކެއް ކުރަން ފަށާފައި ކަމަށާއި އެ މަސައްކަތްތަކުގައި ސަރުކާރުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އަދި ވިދާޅުވީ ކުށްތައް ހުއްޓުވުމަށް ޕީޕީއެމުން ކުރާ މަސައްކަތުގެ ދަށުން ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަމުންދާ މާރާމާރީތަކާއި ވައްކަމާއި ފޭރުމުގެ އަމަލުތައް ހުއްޓުވުމަށް ރައީސް އުފައްދަވާފައިވާ ކޮމެޓީއާ ރޭ އެ ޕާޓީން ބައްދަލުކޮށްފައިވާ ކަމަށެވެ.
އެ ބައްދަލު ކުރުމުގައި ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރާކަމަށް މާރީމާރީގެ ކުށްތައް ހުއްޓުވުން ހަދައިދިނުމަށް ރައީސުލްޖުމްހޫރީއަށް ދެންނެވުމަށް ޕީޕީއެމް ވަނީ އިލްތިމާސްކޮށްފައި ކަމަށް ޔާމިން ވިދާޅުވި އެވެ.
"ރޭގައި ޖަލްސާގައި ޑރ. ވަހީދަށް އަޅުގަނޑުމެން ކުރި އިލްތިމާސަކީ މިކަހަލަ ބޮޑެތި ޖަރީމަތައް ހުޓުވުމަށް ސަރުކާރުން މަސައްކަތްކުރުމަކީ ސަރުކާރުގެ ނޭޝަނަލް އެޖެންޑާގެ އެންމެ މަތީގައި ހިމެނޭ ކަމެއްގެ ގޮތުގައި ހައްދަވައިދެއްވާށޭ. މިހާރު އެކަން އޮތީ ސަރުކާރުން އިސްކަމެއްދޭ ކަމެއްގެ ގޮތުގައި ވަރަށް މަތީގައި. އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުން ވަނީ މިކަމަކީ ނޭޝަނަލް ޓޮޕް ލެވެލްގައި އޮންނަ ކަމަކަށް ވުން،" ޔާމިން ވިދާޅުވި އެވެ.
ޔާމިން ވިދާޅުވީ ބޭނުންވަނީ މާރާމާރީ އާއި މީހުން މެރުމުގެ ކުށްތައް ހުއްޓުވުމަށް މިހާރުން މިހާރަށް ހައްލު ހޯދޭނެ ގޮތްތަކެއް ކަމަށް ރައީސް އެކުލަވާލާފައިވާ ކޮމެޓީއާ ބައްދަލުވުގައި އެ ޕާޓީން ބުނެފައިވާ ކަމަށެވެ.
"ޕީޕީއެމް ދެންނެވީ ބޭނުން ވަނީ މިހާރުން މިހާރަށް ގެނެވޭނެ ހައްލެކޭ. އެއާއެކީ މެދުރާސްތާގައި ކުރާން ހުރި ކަންތައްތަކާއި ދިގުރާސްތާގައި ކުރާން ހުރި ކަންތައްތައް ފިހަވަހިތަކަށް ބަހާލައިގެން ކުރުން މުހިންމޭ،"