އާންމު ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅާލުމުގެ މަޝްރޫއުގެ ދަށުން ވ.އަތޮޅުގައި ދެމުންދާ ފެރީގެ ހިދުމަތް މޯނީޓާ ކުރަން އެ އަތޮޅު ކައުންސިލާއި ހަވާލުކޮށްފި އެވެ.

ފެރީގެ ހިދުމަތްތައް ދެމުން ދަނީ އެންމެ ރަނގަޅަށްތޯ ބަލާ، ހިދުމަތްތައް ދިނުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ މަސައްކަތް ކައުސިލާ ހަވާލު ކުރުމާއި ބެހޭ އެއްބަސްވުގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ވ.އަތޮޅު ކައުންސިލާ ދެމެދު ވަނީ މިހާރު ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓާ އަބްދުއް ލަތީފް މުހައްމަދެވެ. ވ.އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެވީ ކައުންސިލްގެ ރައީސް މޫސާ ނިޒާރީ އެވެ.

އެ އެއްބަސްވުމުގެ ދަށުން ދަތުރުފަތުރުގެ ހިދުމަތްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ފަރާތުން ހިދުމަތް ދެމުންދަނީ އެންމެ ރަނގަޅަށްތޯ ބަލައި އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކައުންސިލްގެ ޒިންމާ އެކެވެ.

މީގެ އިތުރުން އާންމު ފަރާތްތަކުގެ ޝަކުވާތައް ބަލާ އެ މައްސަލަތައް ކައުންސިލުން ހައްލުކުރަން ޖެހޭ ކަމަށްވެސް އެއްބަސްވުމުގައިވެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ދަތުރުފަތުރުގެ ހިދުމަތް ދޭންފަށާފައިވާއިރު އެ ހިދުމަތްތައް ދެމުންދާގޮތް މޮނީޓާ ކުރުމަށް މިހާތަނަށް 16 އަތޮޅު ކައުންސިލަކާ އެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހަވާލުކޮށްފަ އެވެ.