ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތުގައި 12 އަހަރުގެ އަންހެން ކުއްޖަކު އިން ކޮޓަރިއަކަށް ވަން 18 އަހަރު ޒުވާނަކު ޖަލަށްލުމަށް ޖިނާއީ ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.


އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް އިއްވީ ތ. ގާދިއްފުށީ، ގަސްވެލި ހުސައިން ޝާމް ގެ މައްޗަށެވެ.


ޝާމްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ރޭ ހ. ލަދުމާގޭ ކޮޓަރިއަކަށްވަދެ، ކޮޓަރި ތަޅުލައި އެ ކޮޓަރީގައި އިން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ އެކު އެކަހެރިކޮށް ހުރެފައިވާ ކަމަށް ބުނެ ޖިންސީ އަމަލެއް  ހިންގުމުގެ ނިޔަތުގައި ގެއަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ.


ޝާމް އިންކާރުކޮފައިވާ މި ދައުވާ ބެލުމަށް ފަހު އިއްވެވި ހުކުމުގައި ބުނަނީ ޝާމް އިންކާރު ކުރިކަމުގައި ވިޔަސް ޝާމް ލަދުމާގެއަށް ވަންކަން އޭނާގެ ބަހުން އެނގޭ ކަމަށެވެ. އަދި 12 އަހަރުގެ ކުޑަކުއްޖާ ނިދާ ކޮޓަރީގެ އަލަމާރިއެއްގެ ތެރެއިން ޝާމް ނެރުނުކަމަށް ކުޑަ އަންހެން ކުއްޖާގެ މަންމަ ބުނާ ކަމަށެވެ.


ޝާމް ކޯޓްގައި ބުނެފައި ވަނީ އޭނާ އަށް ބޮނޑިއެއްދޭން ކުޑަ ކުއްޖާގެ މަންމަ ކުޑަ ކުއްޖާ ލައްވާ ޝާމްއަށް ފޯނުން ގުޅުވައިގެން އެގެއަށް ވައްދާ ފުލުހުންނާ ހަވާލު ކުރީ ކަމަށެވެ.


ޝަރީއަތުން ބުނެފައި ވަނީ ޝާމް އެހެން ބުނި ނަމަވެސް ޝާމްގެ ދެ ފޯނު ނަމްބަރަކުން ކުޑަ ކުއްޖާ އަށް ގުޅާފައިވާ އިރު އޭނައަށް ކުޑަ ކުއްޖާ ގުޅާފައި ނުވާކަން ފޯނުކޯލް ތަފުސީލުތަކުން އެނގޭ ކަމަށެވެ. އަދި ޝާމް އެގެއަށް ވަނީ ކުޑަކުއްޖާގެ ރުހުމުގައި ކަމަށް ބުނި ނަމަވެސް އެއީ އެފަދަ ކަމެއްގައި ރުހުން ދެވޭވަރުގެ އުމުރެއްގެ ކުއްޖެއް ނޫންކަމަށެވެ. އެހެން ކަމުން މި މައްސަލައާ ގުޅިފައިވާ ގަރީނާތަކުން ޝާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.


ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތުގައި ގެއަކަށް ވަނުމުގެ ކުށް ޝާމްގެ މައްޗަށް ސާބިތުވުމުން އޭނާ އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުންނެވެ.