ރައީސް މުހައްމަދު ނަޝީދަށް ސިފައިން ދެމުން ގެންދާ ހިމާޔަތާއި ރައްކާތެރިކަން އެމަނިކުފާނު އަމިއްލަފުޅަށް ބޭނުންވެވަޑައިގެން ދޫކޮށްލައްވާފައިވާ ހާލަތެއްގައި ދިމާވާ ކަމަކަށް ނުވަތަ ލިބިވަޑައިގެންނަވާ ގެއްލުމަކަށް އެމްއެންޑީއެފުން ޒިންމާނުވާނެ ކަމަށް އެމްއެންޑީއެފުން ރައީސް ނަޝީދަށް އަންގައިފި އެވެ.

ރައީސް ނަޝީދު އެމްޑީޕީގެ "ވައުދުގެ ދަތުރުގައި" ރާއްޖޭގެ ދެކުނުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނަށް ސެކިއުރިޓީ ބޭނުންފުޅުނުވާ ކަމަށް ވިދާޅުވުމާ ގުޅިގެން އެމްއެންޑީއެފުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ އިނާޔަތްތަކާ ބެހޭ ގާނޫނުގެ ދަށުން ރައީސުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަކީ އެމްއެންޑީއެފްގެ ވާޖިބެއް ކަމަށާއި އެ ހިމާޔަތާއި ރައްކާތެރިކަން އެފަރާތްތަކަށް އެމްއެންޑީއެފުން ދެމުން އަންނަ ކަމަށެވެ.

އެމްއެެންޑީއެފްގެ އެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި އެ ކަމުގައި އެއްބާރުލުން ދެއްވުމަށް އެންމެހާ ފަރާތްތަކަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނީ ރައީސް ނަޝީދު ރާއްޖޭގެ ދެކުނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސިފައިންގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ހިމާޔަތާއި ރައްކާތެރިކަން ދޫކޮށްލައްވާ ހާލަތްތަކުގައި އެކަމަށް ލިޔުމުން އެދިވަޑައިގަތުމަށާއި އަމިއްލަފުޅަށް އެދިވަޑައިގެން ރައްކާތެރިކަން ދޫކޮށްލައްވާ ހާލަތްތަކުގައި ހިނގާ ކަމަކަށް ނުވަތަ ލިބިވަޑައިގަންނަވާ ގެއްލުމަކަށް އެމްއެންޑީއެފުން ޒިންމާނުވާނެ ކަމަށް ރައީސް ނަޝީދަށް ދެންނެވުމަށް އެމްއެންޑީއެފުން ޑިފެންސް މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީން އެކަން ސިޓީއަކުން ރައީސް ނަޝީދަށް އަންގަވާފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ މިފަދަ ހާލަތްތަކުގައި އަމަލްކުރާނެ ގޮތެއް އަންގަވައިދިނުމަށް އެދި ޑިފެންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި ދަންނަވާފައިވާ ކަމަށެވެ.