މިދިޔަ ހޮނިހިރު ދުވަހުގެރޭ ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އެނބުރި ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން އެނބުރި ވަޑައިގަތީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އެކަމަކު އެ ދަތުރުފުޅުގެ އިތުރު ތަފުސީލެއް އެ އޮފީހުން ނުދެއެވެ.

މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ސިންގަޕޫރަށް ކުރެއްވި ހަތްވަނަ ދަތުރުފުޅެވެ. އަދި ހަވަނަ ނުރަސްމީ ދަތުރުފުޅެވެ.

ރައީސް އެންމެ ފަހުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ މެއި މަހުގެ 24ވަނަ ދުވަހެވެ. ހަ ދުވަހުގެ އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަތީ އެ މަހުގެ 30 ވަނަ ދުވަހެވެ.

ފާހަގަކުރެވޭ ގޮތުގައި ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް އެންމެ ގިނައިން ވަޑައިގަތީ ވެސް ސިންގަޕޫރަށެވެ.