މާލޭގެ ގެއެއްގައި މިއަދު ޚަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ ހޮސްޕިޓަަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގެ ބުރުޒު މަގުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި މީހަކު އޮތް ކަމަށް މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވާން ފެށީ މިއަދުގެ އިރު އޮއްސުނު ވަގުތުގައެވެ.

ފުލުހުން އޭރު ބުނީ ބުރުޒުމަގުގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާގައި މީހަކު ޚަބަރު ހުސްވެފައި އޮތްކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެހެންވެ، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެއަށްފަހު ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ބުރުޒުމަގުގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާގައި މީހަކު ޚަބަރު ހުސްވެފައި އޮތްކަމަށް މިއަދުގެ 17:12 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް މެސެޖުގައިވެއެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ މއ. ޔެލޯޑައިމަންޑް، އުމުރުން 55 އަހަރުގެ ޙަސަން ލަބީބް ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.