04 Oct 2012, 12:37
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން، މެންބަރުނަށް އޮތް ނުރައްކަލުގެ "ތްރެޓް"ދެނެގަތުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ހާޒިރު ކުރި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ގެ ބައްދަލުވުން މިއަދު ސިއްރުކޮށްފި އެވެ.
ޑރ. އަފްރާޝީމަށް ފުލުހުން ސެކިއުރިޓީ ދީފައިވާ ގޮތާ ބެހޭ ގޮތުން ޕޮލިސް ކޮމިޝަނަރާ ސުވާލު ކުރުމަށް ނިންމާވައިވާ ކޮމެޓީގެ ބައްދަލުވުން ބޭއްވީ މިއަދު މެންދުރު 11:00 ޖެހީއިރު އެވެ. ކޮމެޓީ ސިއްރުކޮށްފައިވަނީ މެންބަރުން ބޭނުންވެގެންނެވެ.
ގާނޫނު އަސާސީގެ 241 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަކީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ 13 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެކެވެ.
ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި މެންބަރުންނަށް ފުލުހުން ސެކިއުރިޓީ ދެމުންދާ ގޮތާ ބެހޭ ގޮތުން މެންބަރުން ވަނީ ކަން ބޮޑުވުން ފާޅުކޮށްފަ އެވެ. މެންބަރުންނަށް ބޮޑީގާޑުން ހަމަޖައްސާފައިވާ ދަނޑިވަޅުތަކުގައި ދިމާވާ ނުރައްކާތަކުން ސަލާމަތް ކުރުމަށް ފުލުހުންނަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް ވެސް މެންބަރުން ވަނީ ފާހަގަކޮށްފަ އެވެ.
މެންބަރުންނަށް ފުލުހުން ސެކިއުރިޓީ ދެމުން އަންނައިރު ޖުޑީޝަރީގައި މަސައްކަތް ކުރާ މީހުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި ސިޔާސީ ފަރާތްތަކަށް އާންމު ދިރިއުޅުމުގައި ދިމާވަމުންދާ ނުރައްކާތަކާ ބެހޭ ގޮތުން ކޮމެޓީއަށް މައުލޫމަތު އެއްކުރުމަށް އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާ ކުރި އެވެ.
ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވީ މެންބަރުންނަށް އާންމު ރައްކާތެރިކަން އޮތްވަރު ފުލުހުންގެ މުއައްސަސާއިން "މިން ކުރާ ގޮތް" ބަލަން ޖެހޭ ކަމަށެވެ. އަދި މެންބަރުންނަށް ދެމުންދާ ސެކިއުރިޓީއާ މެދު ކަންބޮޑުވާ އިރު، ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭފުޅުންނަށް އޮތް "ތްރެޓް އެސެސް" ކުރެވެން ޖެހޭނެ ކަމަށެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މަޖިލިސް މެންބަރުންނަށް ނުރައްކާ އަންނަ އެކި ދިމަދިމާލުން އަންނަ ކަމަށެވެ. އެ ގޮތުން އޭނާ ފާހަގަ ކުރެއްވީ މަޖިލިސް މެންބަރުން ދެކެ ރުޅި އަންނަ ބަޔަކު ތިބި ކަމަށާއި އެކަން އެގޮތަށް ދިމާވެފައި ވަނީ މީޑިއާތަކުން މަޖިލިސް ބަދުނާމުކޮށް ދައްކާ ވާހަކަތަކާ ގުޅިގެން ކަމަށެވެ. އަދި ޒިންމާދާރު ނޫން ގޮތުގައި ފަތުރާ ހަބަރުތަކުން މެންބަރުން ކަންބޮޑުވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މީޑިއާތައް ޒިންމާދާރު ކުރުވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވުމަށް ފަހު އޭނާ ހުށަހެޅުއްވީ މީޑިއާތައް ރެގިއުލޭޓް ކުރާ ފަރާތެއް ކޮމެޓީ އަށް ހާޒިރު ކުރުމަށެވެ. ކޮމެޓީން ހުށަހެޅުއްވި ގޮތަށް ފާސްވެގެން ދިޔައީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން ކޮމެޓީ އަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަށެވެ.
މިއަދުގެ ބާއްވާ ކޮމެޓީގެ ބައްދަލުވުމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންވެސް ހާޒިރު ކުރުމަށް ނިންމާފައިވެ އެވެ.