04 Oct 2012, 12:22
އިއްޔެ ކުނި ގޮނޑުން ނަގައިގެން މާލެ ތެރޭގައި ވިއްކަމުން ދިޔަ މުއްދަތު ހަމަވެފައި ހުރި ކުކުޅު ތަށް އަދިވެސް ވިއްކަމުން ދާކަމަށާއި ކުކުޅު ގަތުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ބުނެފި އެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއާ ލެބޯޓްރީ ޓެކްނޮލޮޖިސްޓް އިބްރާހިމް ޝާފިއު "ސަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ކުކުޅު ގަންނަ ފަރާތް ތަކުން އޭގެ މުއްދަތު ހަމަވާ ތާރީޚާއި، އުފެއްދި ތާރީޚަށް ސަމާލު ކަން ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށާއި، އެ ތާރީޚް ތަށް އެނގެން ނެތް ނަމަ ވިއްކާ ފަރާތާއި ސުވާލު ކުރުމަށް ވެސް ވިދާޅުވި އެވެ. އަދި ކުކުޅުގެ ކުލަ އާއި ވަހަށް އެއްވެސް ބަދަލެއް އައިސްފައި ވޭތޯ ރަނގަޅަށް ބެލުމަށްވެސް ޝާފިއު އިލްތިމާސްކުރެއްވި އެވެ.
"ކުކުޅު ގަންނަ ފަރާތް ތަކުން މުއްދަތު ހަމަވާ ތާރީޚަށް ސަމާލު ވުމަކީ ވަރަށް މުހިއްމު ކަމެއް. އަދި އެ ތާރީޚުތަށް އެނގެން ނެތިއްޔާ ސުވާލު ވެސް ކުރަންޖެހޭނެ. އަގަކަށް ނޫން ބަލަން ޖެހޭނި. މުއްދަތު ހަމަނުވާ ތާޒާ ބާވަތް ތަށް ކެއުމަށް ބޭނުން ކުރަން ޖެހޭނި" ޝާފިއު ވިދާޅު ވިއެވެ.
އެ އޮތޯރިޓީން މިއަދު ވަނީ ފުޑް އެލާޓެއްވެސް ނެރެފަ އެވެ. ފުޑް އެލާޓް ގައި ބުނަނީ މުއްދަތު ހަމަވެގެން ގޮނޑަށް އުކައިލި "ޑޮއުކްސް" ބްރޭންޑްގެ ކުކުޅުތަށް މާލެ ތެރޭގައި އަދިވެސް ވިއްކަމުންދާ ކަމަށެވެ. އަދި މުއްދަތު ހަމަވެފައި ހުންނަ އެއްގަމު މަހަކީ އިންސާނުންގެ ފުރާނަ އަށް ނުރައްކަލެއް ކުރިމަތި ވެދާނެ އެއްޗަކަށް ވާތީ އެކަމަށްވެސް ސަމާލު ވުމަށް އިންޒާރު ދީފައި ވެއެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރ އިބްރާހިމް ސުޖާއު ވިދާޅުވީ މަހުގެ ބާވަތް ތަކުގެ އިތުރުން ރޯ މޭވާ އާއި، ތަރުކާރީގެ ބާވަތްތައް ވެސް ގޮނޑަށް އުކާލެވޭ އިރު އެތަކެތި ވެސް ހޮވައިގެން ބޭނުން ކުރާކަން ފާހަގަ ކުރެވިފައި ވާ ކަމަށެވެ. އެފަދަ މައްސަލަތައް ދިމާވާން ޖެހެނީ ރަނގަޅު ގޮތުގެ ކުނި ނައްތާނުލެވޭތީ ކަމަށާއި ކުނި ނައްތާލުމަށް ދަތި ވަނީ ފައިސާގެ ތާށި ކަމުން ކަމަށްވެސް ސުޖާއު ވިދާޅުވި އެވެ.
"މިހާރު މި ފެންނަނީ އޭގެ ނަތީޖާ،" ސުޖާއު ވިދާޅުވި އެވެ.
މާލޭގެ ކުނިގޮނޑަށް އުކާލާފައި ހުރި ގިނަ އަދަދެއްގެ ކުކުޅުތަކެއް ޕިކަޕަކަށް އަރުވައިގެން ވިއްކަމުން ދިޔަ ހަތަރު މީހަކުވެސް ފުލުުހުން ވަނީ ރޭ ހައްޔަރުވެސް ކޮށްފަ އެވެ.