04 Oct 2012, 12:12
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަން ކުރެއްވި އަދި ދީނީ ޢިލްމުވެރިޔާ ޑރ. އަފުރާޝީމް އަލީ އަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ރަހުމު ކުޑަގޮތަކަށް އަވަހާރަކޮށްލާފައި ވާތީ ކޮމަންވެލްތުން އެކަން ކުށްވެރިކޮށްފި އެވެ.
ކޮމަންވެލްތުން އިއްޔެ އާއްމުކުރި ބަޔާނެއްގައި ވަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަން އެނގިވަޑައިގެންނެވުމުން، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާގެ ފަރާތްޕުޅުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު، ޑޮން މެކެނަން އަށް ފުން ހިތާމަފުޅެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
"އެއްވެސް ރަހުމެއް ނެތް ހަރުކަށި އެ އަމަލު އަޅުގަނޑު ކުށްވެރިކުރަން، އަދި މި އުނދަގޫ ވަގުތުގައި ޑރ. އަފުރާޝީމް އަލީގެ އާއިލާއަށާއި އެކުވެރިންނާއި އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް އަޅުގަނޑު ތައުޒިޔާ ދަންނަވަން،" ސާ ޑޮނަލްޑް ވިދާޅުވި ކަމަށް ބަޔާނުގައި ވެއެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ ގާނޫނުގެ ވެރިކަމާއި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރާ ސުލްހަވެރި އަމާން މުޖުތަމައެއް އުފެއްދުމަށް އެކުވެރިކަމާ އެކު މަސައްކަތް ކުރުމުގެ މުހިއްމުކަން އެހިތާމަވެރި ހާދިސާއިން މާބޮޑަށް ފާހަގަވާ ކަމަށެވެ.
ޑރ. އަފުރާޝީމް އަލީ ރަހުމު ކުޑަ ގޮތަކަށް އަވަހާރަކޮށްލާފައި އޮއްވާ ފެނުނީ އެމަނިކުފާނު ދިރިއުޅުއްވި ގޭގެ ސިޑިކައިރީގައި މިދިޔަ ހޯމަދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެކަމުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފައި ވާއިރު ހަތަރު ފިރިހެނުންނާއި އަންހެނަކު ވަނީ ތުހުމަތަށް ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެއިން އެއްވެސް މީހަކާ ބެހޭ މައުލޫމާތު ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނެފައި ވަނީ ތަހުގީގަށް ހުރަސް އެޅިދާނެތީ އެމީހުންނާ ބެހޭ މައުލޫމާތު އަދި އާއްމުކުރެވެން ނެތް ކަމަށެވެ.
ރަހުމުކުޑަ ގޮތަކަށް ޑރ. އަފުރާޝީމް އަލީ އަވަރާހަރަ ކޮށްލުމުގެ ކުރިން ވެސް އެމަނިކުފާނަށް އެތައް ފަހަރެއްގެ މަތިން ވަނީ ހަމަލާދީފަ އެވެ. އެގޮތުން އެމަނިކުފާނުގެ ދަރިކަލުންނާ އެކު މިސްކިތެއްގައި ހުންނަ ވަނިކޮށް ވެސް ވަނީ ހަމަލާދީފަ އެވެ. ޑރ. އަފުރާޝީމް ކިޔަވާ ވިދާޅުވެގެން ރާއްޖެ ވަޑައިގެންނެވި ދުވަހުން ފެށިގެން އެމަނިކުފާނަށް ނިސްބަތްކޮށް، ނަފުރަތު އުފެދޭ ފަދަ އެތައް ވާހަކަފުޅެއް ބައެއް ޝޭހުންނާއި އަދި ސިޔާސީ ފަރާތްތަކުން ވަނީ ދައްކައިފަ އެވެ.
ޑރ. އަފުރާޝީމް އަލީގެ ޖަނާޒާ އާ ސަހަރާގައި މިދިޔަ އަންގާރަ ދުވަހު ބާއްވާފައި ވަނީ ރަސްމީ އިއްޒަތުގަ އެވެ. އެ ޖަނާޒާއަށް ގިނަ ބަޔަކު ހާޒިރުވި އެވެ.