ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ ރައްޔިތުންގެ މަޖިލީހުގެ ބައެއް ޒުވާން މެމްބަރުންނާ ބައްދަލުކުރައްވައިފި އެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ ޒުވާން ފަސް މެބްރަކާ ރޭ ބައްދަލުކުރައްވައި، މުލޭ ވާހަކަފުޅު ދެއްކެވީ ރާއްޖޭގެ ތަރައްގީ އާއި އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމާ މެދު ޕާޓީތަކުގެ ހިޔާލު ހިއްސާކުރެއްވުމަށް ކަމަށެވެ.

މުލޭ ބޭއްވެވި ނުރަސްމީ އެބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ރައީސް އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަދި ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަދި ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ހިމެނިވަޑައިގަންނަވާ ކަަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

އަދި ބުނީ ރޭގެ ބައްދަލުވުމުގައި ރާއްޖޭގެ ތަރައްގީއާ ގުޅުން ހުރި ތަފާތު އެތައް މައްސަލަތަކާ މެދު ފައިދާހުރި މަޝްވަރާތަކެއް ކުރެވުނު ކަމަށާއި ރާއްޖޭގައި ހަމަޖެހުމާއި ސުލްހަ ގާއިމްކުރުމަށް މަސައްކަތްކުރުމާއި އިގުތިސާދީ ތަރައްގީގައި އެއްބާރުލުން ފަދަ ކަންކަމާ މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

"ގައުމީ ތަރައްގީއާއި ރައްޔިތުންގެ ފައިދާއަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އެފަދަ މަޝްވަރާތަކެއް ބޭނުން ކަމަށް ވިދާޅުވެ، ހުރިހާ މެމްބަރުން ވެސް އެކަން ބަލައިގެންނެވި އެވެ." ބައްދަލުވުމާ ބެހޭ ގޮތުން އިންޑިއާ ހައިިކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.