އެކި ފަހަރުމަތިން ބެހިގެން ރާއްޖޭގެ ސަރަހައްދަށް ލައްވެ، ފުލުހުންގެ ބެލުމުގައި ދަށުގައި ތިބި ސޯމާލިޔާގެ 40 މީހުން ދެ މަސް ދުވަސް ތެރޭގައި ސޯމާލިޔާގެ، ޕަންޓް ލޭންޑް ސަރުކާރާ ހަވާލުކުރުމަށް ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެއްޖެ އެވެ.

އެގޮތަށް އެއްބަސްވެފައި ވަނީ މިހާރު ރާއްޖެ އަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމްސް (ޔޫއެންއޯޑީސީ)ގެ ވަފުދަކާއި އަދި ޕަންޓް ލޭންޑް ސަރުކާރުގެ ޑިރެކްޓާ ޖެނެރަލްއަކާ އެކު ދިވެހި ފޮރިން މިނިސްޓްރީ އާއި އެމްއެންޑީއެފާއި އަދި ފުލުހުން ބޭއްވި މަޝްވަރާތަކަކަށް ފަހު އެވެ.

އެ މަޝްވަރާތަކުގައި ފޮރިން މިނިސްޓްރީގެ ފަރާތުން ބައިވެރިވެ ވަޑައިގަތް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ސައީދު "ސަން އޮންލައިން"އަށް މިއަދު ވިދާޅުވީ ރާއްޖޭގައި ތިބި ސޯމާލިޔާގެ އެންމެން އެ ގައުމުގެ ޕަންޓް ލޭންޓް ސަރުކާރާ ހަވާލުކުރުމަށް އެ މަޝްވަރާތަކުގައި އެއްބަސްވި ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ޔޫއެންއޯޑީސީން ޓައިމްލައިންއެއް އެކުލަވާލައި ސަރުކާރަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.

"އަޅުގަނޑު މި އެއްބަސްވެވުނީ ކުރިއަށް އޮތް ދުވަސްތަކުގައި އެބޭފުޅުން އަނބުރާ ވަޑައިގަތް ސޯމާލިޔާ މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ޓައިމްލައިންއެއް ފޮނުވާދެއްވާނެ ކަމަށް. އެހެންކަމުން ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޔޫއެންގެ ސިސްޓަމުން ހުރިހާ އެޕްރޫވަލްތަކެއް ލިބިއްޖެ ނަމަ މި މީހުން އަބުރާ އެ މީހުންގެ ރަށަށް ފޮނުވާލެވޭނެ،" ހަސަން ސައީދު ވިދާޅުވި އެވެ.

ފުލުހުންގެ ޑިޓެންޝަން މަރުކަޒު، ދޫނިދޫގައި ތިބި އެ 40 މީހުންވެސް އަބުރާ ފޮނުވާލުމަށް ދިވެހި ސަރުކާރުން ތިން ކަމެއް ކުރުމަށް ޔޫއެންއޯޑީސީއާ އެކު އެއްބަސްވެފައިވާ ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ. އެއީ، އެ އެންމެންނަކީވެސް ވައިގެ މަގުން ދަތުރުކުރުމަށް ސިއްހީ ގޮތުން އެކަށޭނަ ބައެއްތޯ ބެލުމަށް މެޑިކަލް ޗެކަޕް ހެދުމާއި އެމީހުން ބަލައި ރާއްޖެ އަންނަ ބޯޓު ރާއްޖެ އަށް ޖެއްސުމުގެ ހުއްދަ ދިނުމާއި އަދި އެމީހުން ތިބި ތަނުން ބޯޓަށް އެރުވުމެވެ.

"އަޅުގަނޑުމެން ޓައިމްލައިން ލިބުނީމައި ފުރިހަމަ ކުރަންޖެހޭ އެ ތިން ކަންތައް އަޅުގަނޑުމެންނަށް ފުރިހަމަ ކުރެވޭނެ. ޑިފެންސް މިނިސްޓާ ނާޒިމްއާ މަޝްވަރާކުރުމަށް ފަހު މިހާރު އެއްބަސްވެފައިވަނީ އެއްވެސް ދައްޗަކާއި ނުލައި އެ ތިން ކަންތައްވެސް ވެސް ފުރިހަމަ ކޮށްދޭނެ ކަމުގެ ޔަގީންކަންދެއްވާފައި،" ހަސަން ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މީހުން ފޮނުވާލުމަށް މީގެ ކުރިން ދިވެހި ސަރުކާރުން ހަރަދު ކުރަން ޖެހޭ ގޮތަށް އޮތް ނަމަވެސް ޔޫއެންއޯޑީސީން މިހާރު އެއްބަސްވެފައި ވަނީ އެ މީހުން ސޯމާލިޔާއަށް ގެންދަން ޗާޓަރު ކުރާ ބޯޓްގެ ހަރަދާއި އިންޝުއަރެންސާއި އަދި ސަލާމަތީ ކަންތައްތައް އެ ޖަމްއިއްޔާގެ ހަރަދުގައި ހަމަޖައްސަން ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ފަސޭހަގޮތަކަށް ހަމަޖެހިގެން މިދިޔައީ، އެބޭފުޅުން ވިދާޅުވީ އެބުރިވަޑައިގެން އެބޭފުޅުން ބޯޓެއްގެ ކަންތަކާ އެއްޗި ހަމައްޖައްސާނަމޭ، ޔޫއެންގެ ސިސްޓަމްގެ ތެރެއިން ހުރިހާ ކަމެއް ހަމަޖައްސާ، ދެ މަހެއްހާ ދުވަސް ތެރޭ މުޅިން ފައިނަލް ވާނޭ ކަމަސް ވިދާޅުވި، އަޅުގަނޑުމެން އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ،" ހަސަން ސައީދު ވިދާޅުވި އެވެ.

ޔޫއެންއޯޑީސީގެ ވަފުދު މިއަދު ފުރާފައިވާއިރު އެ ވަފުދުން ވަނީ ރާއްޖޭގައި ތިބި ސޯމާލިޔާގެ 40 މީހުންނާއި ބައްދަލުކޮށްފަ އެވެ. ހަސަން ސައީދު ވިދާޅުވީ އެ ބައްދަލުވުންތަކުގައި އެމީހުން ގައުމަށް އެބުރި ދާން ބޭނުންވާ ވާހަކަ ބުނެފައިވާ ކަމަށާއި އަދި އެ މީހުންނާ މެދު ފުލުހުންނާ ސިފައިން އަމަލުކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ.

"ޔޫއެންއޯޑީސީގެ ބޭފުޅުން އަޅުގަނޑު ކައިރީ ވިދާޅުވީ އެމީހުން [ސޯމާލިޔާ މީހުން] ތިބީ ވަރަށް ހިތްހަމަ ޖެހިފައޭ ރާއްޖޭން އެ މީހުންނާ މެދު ކަންތައް ކުރިގޮތާ މެދު، އެ މީހުންނާ ގްރޫޕްކޮށްވެސް ބައްދަލުކޮށް އަދި ކޮންމެ މީހަކާއި ވަކީންވެސް ބައްދަލުކޮށް ހެއްދެވި، އަދި އެ މީހުންގެ އާއިލާތަކާ ވާހަކަ ދެއްކުމަށް ކޮންމެ މީހަކަށް ދެ މިނެޓްގެ ފޯނު ކޯލެއް ދެއްވި ކަމަށްވެސް އެބޭފުޅުން ވިދާޅުވި،" ހަސަން ސައީދު ވިދާޅުވި އެވެ. "އޭގެ ތެރެއިން އެކަކު މިހާރު ގުރުއާންވެސް ހިތުދަސްކަމަށްވެސް އެބޭފުޅުން ވިދާޅުވި، އަދި އެމީހުން ކުރިއަށް ވުރެ ބޮޑަށް މިތަނުން ދީނުގެ ކަންކަންވެސް ދަސްކުރިކަމަށް އެބޭފުޅުން ފާހަގަކުރި،"

މީގެ ކުރިންވެސް ސޯމާލިޔާ މީހުން އަބުރާ ގައުމަށް ފޮނުވާލުމަށް ތަފާތު ފަހަރުމަތިން މަސައްކަތް ކުރި ނަމަވެސް އެކަމަށް ރާއްޖެއިން ކުރަން ޖެހޭ ހަރަދާއި ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ގިނަކަމުން އެކަން ކާމިޔާބުވާގޮތް ވަނީ ނުވެފަ އެވެ. މި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ރިއޯ +20 ގެ ސަމިޓަށް ބްރެޒިލް އަށް ކުރެއްވި ދަތުރުފުޅުގައި ސޯމާލިޔާގެ ފޮރިން މިނިސްޓަރާ އެކު އެ މައްސަލައިގައި ވަނީ މަޝްވަރާކުރައްވައިފަ އެވެ.