އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާ ތަރައްގީ ކުރުމަށް ކެނެޑާ އާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން މާލޭގައި ވޯކްޝޮޕެއް ފަށައިފި އެވެ.

"ޖުޑިޝަލް އިންޑިޕެންޑެންސް އެކައުންޓެބިލިޓީ އެންޑް ޕްރޮޕެޝަނަލިޒަމް"ގެ ނަމުގައި ޝަރުއީ ދާއިރާގެ ބޭފުޅުންނަށް އަމާޒުކޮށްގެން މިއަދު ހެނދުނު ނަލަހިޔާ ހޮޓަލުގައި ފެއްޓި އެ ވޯކްޝޮޕުގައި ކެނެޑާގެ ގާނޫނީ ނިޒާމު އޮންނަ ގޮތާއި އަދުލުއިންސާފުގެ ދާއިރާގެ އިދާރީ ކަންކަން ހިނގާ ގޮތާ ބެހޭ ގޮތުން ކެނެޑާގެ ތަޖުރިބާކާރުން ބައިވެރީންނަށް މައުލޫމާތުދެއްވާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްޝަނުން މިއަދު ބުންޏެވެ.


އެ ވޯކްޝޮޕްގައި ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ބައެއް ބޭފުޅުންނާއި އެޓާނީ ޖެނެރަލް އޮފީހުގެ ބައެއް ބޭފުޅުންނާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބައެއް ބޭފުޅުންނާއި އަދި ގާނޫނީ ވަކީލުންގެ ތެރެއިން ފުރުސަތު ދެވޭ ބައެއް ފަރާތްތަކުން ބައިވެރިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.

އެ ވޯކްޝޮޕްގައި އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މިނިވަންކަމާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ޒިންމާދާރު ކުރުވުމާއި އެ ދެކަންތައް އަރައިރުން ނުވާނޭ ގޮތެއްގެ މަތީން އިންތިޒާމްތައް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ތަޖުރިބާކާރުން ބައިވެރިންނަށް މައުލޫމާތާއި ހިޔާލު ހިއްސާކުރައްވާނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.

ކެނެޑާ އިން މިދިޔަ މަހުގެ 30ގައި ރާއްޖެ ވަޑައިގެންނެވި ޖުޑިޝަރީގެ ޓީމުގެ ބޭފުޅުންގެ ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ.