04 Oct 2012, 10:39
ނ. މިލަދޫގައި ނިދާފައި އޮތް މީހެއްގެ މޫނަށް ރޭ ދަންވަރު މީހަކު "ސާފު" ލިކުއިޑް އަޅައި ޒަހަމްކޮށްލައިފި އެވެ.
ގިނަ އަދަދަކަށް ކެމިކަލް ހުންނަ، ސާފު ކުރުމަށް ބޭނުން ކުރާ، ލިކުއިޑް އަޅައި ޒަހަމް ކޮށްލާފައި ވަނީ މިލަދޫ، މުސްތަރީގޭ މުހައްމަދު އަލީ، 26، މޫނަށް ކަމަށް މިލަދޫ ކައުންސިލުން ބުންޏެވެ.
މިލަދޫ ކައުންސިލްގެ އިދާރާ އިން ބުނީ ރޭ ދަންވަރު 3:30 އެހާކަންހާ އިރު ހިންގި އެ ހާދިސާގައި އޭނާގެ ލޮލަށް ލިކުއިޑް އެޅުމުގެ އިތުރަށް ކޮންމެވެސް ވަރަކަށް އަނގަޔަށް ވެސް "ސާފު"އެޅިފައިވާ ކަމަށެވެ. އަދި ބުނީ އޭނާ ނިދާފައި އޮތް ހިސާބުން ކަތިވަޅިއެއް ވެސް ފެނިފައިވާ ކަމަށާއި ނަމަވެސް ސާފު އެޅުމުގެ އިތުރުން އެއްވެސް ހަމަލާއެއް ދީފައިނުވާ ކަމަށެވެ. އަދި އޭނާ އަށް ރޭ އެ ރަށު ސިއްހީމަރުކަޒުން ފަރުވާދިނުމަށް ފަހު މިހާރު މަނަދޫ އަތޮޅު ހޮސްޕިޓަލްގައި ފަރުވާދޭން ފަށާފައިވާ ކަމަށެވެ.
މަނަދޫ ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖާ އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ އެ ހާދިސާގައި ގެއްލުންވެފައިވާ މީހާ އަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށާއި މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އޭނާގެ މޫނަށް ކެމިކަލް އެޅުމުގެ ސަބަބުން އޭނާގެ މޫނުގެ ބައެއް ހިސާބުތައް ފިހުމާ އެކު އޭނާ އަށް އެ ކެމިކަލް ބޮވިފައި ހުރުމުން އޭނާގެ އެތެރެހައްޓަށް ވެސް ގެއްލުންވެފައިވާ ކަމަށާއި ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ޖަހަމްވެފައިވާ މުހައްމަދު އަލީ އަކީ މިލަދޫގައި ކޮންޓްރެކްޓް މަސައްކަތްކުރާ މީހެކެވެ. އަދި އޭނާ ކުރިން މީހަކާ އިނދެ ކުއްޖަކު ވެސް ހުރެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހެއްގެ މޫނަށް ލިކުއިޑް އަޅައިގެން ފުލުހުނަށް ހުށައެޅުމުން ފުލުހުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އަދި މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.