ތިބްލީސި (އޮކްޓޯބަރ 4): ކުރީގެ ސޮވިއެޓް ޔުނިޔަންގެ ޤައުމެއް ކަމަށްވާ ޖޯޖިޔާގައި މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގައި ބަލިވެވަޑައިގެންފި ކަމަށް އެ ޤައުމުގެ ރައީސް މިޚައިލް ސާކާޝްވިލީ އެއްބަސްވެ ވަޑައިގެންފި އެވެ.

މިއިންތިޚާބު ކާމިޔާބުކުރީ ސާކާޝްވިލީގެ ނެޝަނަލް މޫމެންޓް ޕާޓީ ކަމަށް ކުރިން އޭނާ ވިދާޅުވި ވިދާޅުވުން އަނބުރައި ގެންދެވުމަށް ފަހު އިއްޔެ ވިދާޅުވީ ބަލިޤަބޫލުކުރައްވާ ކަމަށާއި ބަލިޤަބޫލުކުރުމަކީ ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް އަސާސް ކަމުގަ އެވެ. ސާކާޝްވިލީ ބަލިޤަބޫލުކުރެއްވީ އިންތިޚާބުގެ ވޯޓުގެ 53 ޕަސެންޓް ލިބުނީ ޖޯޖިޔާގެ އިދިކޮޅު ލީޑަރު ބިދްރިޒިނާ ވިވަޗްސްވިލީގެ ކޯލިޝަން ޕާޓީތަކަށް ކަމަށް ޖޯޖިޔާގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން އިޢްލާން ކުރުމާ ގުޅިގެންނެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނަށް ލިބޭނެ ގޮނޑީގެ އަދަދު އަދި ސާފެއް ނުވެ އެވެ.

ޖޯޖިޔާގެ އިންތިޚާބު ކާމިޔާބު ކުރިކަން ފުރަތަމަ ޢިއްލާންކުރީ އިދިކޮޅު ހަ ޕާޓީއެއް ގުޅިގެން އުފައްދާފައިވާ އިދިކޮޅު ކޯލިޝަނުންނެވެ. އެއަށް ފަހު ރައީސް ސާކާޝްވިލީ ވެސް ވަނީ ޕާލަމެންޓްގެ ފަރުދީ ދާއިރާތަކަށް ޚާއްސަކޮށްފައިވާ 73 ގޮނޑީގެ ތެރެއިން 53 ގޮނޑި އޭނާގެ ނެޝަނަލް މޫމެންޓް ޕާޓީ ން ކާމިޔާބުކުރިކަން އިޢްލާން ކުރައްވާފަ އެވެ. ސާކާޝްވިލީގެ މިއިޢްލާނާ ގުޅިގެން އޭނާ އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރައްވާނެ ކަމަށް ބެލެވުމުން ޖޯޖިޔާ ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވެއްޓިދާނެކަމުގެ ބިރު ހީވެގެން ދިޔަ އެވެ. ނަމަވެސް މިހާރު ވަނީ މިބިރު ފިލާފަ އެވެ.
ޖޯޖިޔާގެ ރައީސް މިޚައިލް ސާކާޝްވިލީއަކީ ހުޅަނގުގެ ތާއީދު ލިބިވަޑައިގެން ހުންނެވި ހުޅަނގުގެ އުސޫލުތަކަށް ތާޢީދުކުރައްވާ ބޭފުޅެކެވެ. ޖޯޖިޔާ، އެމެރިކާގެ ބައިވެރިއަކަށް ވެފައި ވަނީ ސާކާޝްވިލީގެ ވެރިކަމުގަ އެވެ. އަދި ސާކާޝްވިލީ ވަނީ 2007 ވަނަ އަހަރު ރަޝިޔާއާދެކޮޅަށް ހަނގުރާމަ ވެސް ކުރައްވާފަ އެވެ. މިހަނގުރާމައިގާ ރަޝިޔާ އިން ސާކާޝްވިލީގެ ބާރުތަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމުން އޭނާ ވަނީ 8 ދުވަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލައްވާފަ އެވެ. ސާކާޝްވިލީގެ މަޤްބޫލުކަން އެއަށް ފަހު ދަނީ ޖޯޖިޔާގައި ކުޑަވަމުން ކަމަށް މުޙައްލިލުން ފާހަގަކުރައްވަ އެވެ.

ޖޯޖިޔާގެ އިދިކޮޅު ލީޑަރު ބިދްރިޒިނާ ވިވަޗްސްވިލީ އަކީ އެ ޤައުމުގައި ނުފޫޒު ބޮޑު ރަޝިޔާއަށް ތާއީދުކުރައްވާ ބިލިޔަނަރެކެވެ. މިދެބޭފުޅުންނަށް ވެސް ޕާލަމެންޓްރީ އިންތިޚާބު މުހިއްމުވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ޖޯޖިޔާގެ ރައީސްގެ ބާރުތައް ހަނިކޮށް ޕާލަމެންޓްގެ އަޣްލަބިއްޔަތު އޮންނަ ޕާޓީއަކުން އިޚްތިޔާރުކުރާ ބޮޑުވަޒީރަކަށް ބާރުތައް ދިނުމަށް އެޤައުމުގެ ދަސްތޫރަށް ގެނަސްފައިވާ ބަދަލުތަކަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާތީ އެވެ.

ޕާލަމެންޓްރީ އިންތިޚާބާގުޅިގެން ޖޯޖިޔާގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވިފައި ވަނީ އިދިކޮޅު ކޯލިޝަންގެ ބޭފުޅެކެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ސާކާޝްވިލީ ކާމިޔާބު ކުރެއްވި ނަމަވެސް އެއަށް ފަހު އެޤައުމުގެ ވެރިކަމުގެ ޙަޤީޤީ ބާރުތައް ލިބިވަޑައިގަންނަވާނީ ބޮޑުވަޒީރަށެވެ.(ނޫސްއެޖެންސީތައް)