04 Oct 2012, 09:12
އަންކަރާ (އޮކްޓޯބަރ 4): އަވަހާރަވެފައިވާ ތުރުކީގެ ކުރީގެ ރައީސް ތުރްގޮތު އޮޒާލްގެ ކައްވަޅުކޮނެގެން އޭނާގެ ކަށިތައް ނަގައިފި އެވެ.
މިކަންކުރީ މީގެ 19 އަހަރު ކުރިން އޮޒާލް އަވަހާރަވީ ވިހަދީގެންކަމަށް އޭނާގެ ޢާއިލާއިން ކޮށްފައިވާ ޝަކުވައަކާ ގުޅިގެން މިކަން ތަޙްޤީޤް ކުރުމަށް ތުރުކީގައި ކުރެވެމުންދާ މަސައްކަތްތަކެއްގެ ތެރެއިންނެވެ. ކައްވަޅުކޮނެގެން އޮޒާލްގެ ކަށިތައް ނަގާފައި ވަނީ ތުރުކީގެ ޕްރޮސެކިއުޓާ ޖެނެރަލް އާއި ފޮރެންސިކް ތަޖްރިބާކާރުންގެ ޙާޒިރުގަ އެވެ. އޮޒާލްގެ ކަށިތަކުން ކުރަން ޖެހޭ ފޮރެންސިކް ތަޙްލީލްތައް ކުރުމަށް ފަހު އެކަށިތައް އޭނާގެ ކައްވަޅުގައި އަލުންވަޅުލާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އޮޒާލްގެ މަރުގެ މައްސަލަ ތަޙްޤީޤް ކުރަނީ އޭނާގެ ޢާއިލާގެ އިލްތިމާސް ތަކާ ގުޅިގެން ތުރުކީގެ ރައީސް ޢަބްދުﷲ ގުލް މިކަމަށް އެދިވަޑައިގަތުންނެވެ. ތުރުގޮތް އޮޒާލް އަވަހާރަވީ ހިތްޕުޅުގެ ޢާލާސްކަންފުޅެއްގައި 1993 ވަނަ އަހަރުގެ އެޕްރީލް މަހުގަ އެވެ. އޭރު އޭނާ ހުންނެވީ ތުރުކީގެ ވެރިކަމުގަ އެވެ. އުމުރަކީ 65 އަހަރެވެ. އޮޒާލްގެ ޢާއިލާ އާއި އޭނާގެ ބައެއް ރަޙްމަތްތެރިން ތުހުމަތުކުރާގޮތުން އޮޒާލަށް ހިތްޕުޅުގެ އާލާސްކަންފުޅު ޖެހުމަށް މަގުފަހިވީ އޭނާ އަށް ދިން ވިހައެއްގެ ސަބަބުންނެވެ.
ނަވާރަ ސަތޭކަ އަށްޑިހަ ވަނަ އަހަރު ތުރުކީގެ އޭރުގެ ނުފޫޒުގަދަ ޖެނެރަލް ކަންޢާން އެވްރިން ގެންނެވި ޢަސްކަރީ އިންޤިލާބަށް ފަހު 1983 ގައި އޮޒާލަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި އެވެ. 1989 އަކާ ހަމައަށް ބޮޑުވަޒީރުކަމުގައި ހުންނެވުމަށް ފަހު ތުރުކީގެ ޕާލަމެންޓުން އެޤައުމުގެ ރައީސް ކަމުގެ މަޤާމަށް އޭނާ އިންތިޚާބުކުރީ 1989 ގައެވެ. އެއަށް ފަހު 1993 ގައި ހިތްޕުޅުގެ އާލާސްކަންފުޅެއްގައ އަވަހާރަވަންދެން އޮޒާލް ހުންނެވީ ތުރުކީގެ ރައީސް ކަމުގެ މަޤާމުގަ އެވެ. (ރޮއިޓާސް)