09 Sep 2010, 06:49
އަންނަ އަހަރު ވިލާ އެއާގެ ދަތުރުތައް ފެށުމަށް އެކި ދާއިރާތަކުން މީހުން ހޯދަން އިއުލާންކޮށްފި އެވެ.
ވިލާ އެއާގެ ޕްރޮޖެކްޓް މެނޭޖަރު އިސްމާއިލް ފައިޒް މިއަދު ވިދާޅުވީ ވިލާ އެއާގެ ދަތުރުތައް އަންނަ އަހަރުގެ މާޗުގައި ފެށުމަށް ތައްޔާރުވަމުން އަންނަ އިރު ވިލާ އެއާގެ މާމިގިލީ އެއާޕޯޓްގެ 90 ޕަސެންޓް ނިމިފައިވާ ކަމަށާއި ދަތުރުތައް ފެށުމަށް ބޭނުންވާ މީހުން ހޯދަން އެއާޕޯޓްތަކާއި ތަފާތު މީޑިޔާތަކުގައި އިއުލާނުކޮށްފައިވާނެ ކަމަށެވެ.
މީހުން ހޯދުމަށް ވިލާ އެއާ އިން އިއުލާނުކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ފްލައިޓް ޑެކް ކްރޫންނާއި ކެބިން ކުރޫންނާއި އޮޕަރޭޝަން އެޑްމިނިސްޓަރުންނާއި ފްލައިޓް އޮޕަރޭޝަން އެސިސްޓެންޓުންނާއި ސެޓޭޝަން މެނޭޖަރުންނާއި ގްރައުންޑް ސާވިސް އެސިސްޓެންޓުންނާއި އިންޖިނޭރުންނާއި އެއާކްރާފްޓް މެކޭނިކުންނާއި ޓްރާންޕޯޓް އޮފިސަރުން ހިމެނެ އެވެ.
ފައިޒު ވިދާޅުވީ މިހާރު އިއުލާނުކޮށްފައިވާ މަގާމުތަކަށް ނަގާނީ ގާތްގަނޑަކަށް 40 ނުވަތަ 50 މީހުން ކަމަށާއި ނަމަވެސް މުޅި އޮޕަރޭޝަން ފަށައިގަންނަ އިރު 80 އާ ގާތަށް މީހުން ނަގާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ބޭނުންވާ ދާއިރާތަކުން މި މަހުގެ ނިޔަލަށް ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާ އިރު ވަޒީފާތައް ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ދިވެހިންނަށް ކަމަށެވެ. ވިލާ އެއާގެ މުސާރަތައް ހުންނާނީ ވައިގެ އުދުހުމުގެ ހިދުމަތްދޭ އެހެން ފަރާތްތަކާ ވާދަވެރި ހިސާބެއްގައި ކަމަށާއި އިތުރު ޕެކޭޖްތަކާއެކު ވިލާއެއާގެ މުސާރަތައް ވަރަށް ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފަށާއިރު ދެތިން މަގާމެއް އޮވެދާނެ ފަންނީ ގޮތުން ބޭރު މީހަކަށް ދޭންޖެހޭ. އެކަމަކު އަޅުގަނޑުމެންގެ އަމާޒަކީ ހުރިހާ މަގާމުތަކަށް ދިވެހިން ގެނައުން،" ފައިޒު ވިދާޅުވި އެވެ.
ވިލާ އެއާގެ ދަތުރުތައް މާޗު މަހުގެ ތެރޭގައި ފުރަތަމަ ފަށަނީ އޭޓީއާރް 42500 މަރުކާގެ ދެ ބޯޓާއެކުގަ އެވެ. އެއީ ގާތްގަނޑަކަށް 46 އާއި 50 ދެމެދުގެ އަދެއްގެ ޖާގައިގެ ދެ ބޯޓެވެ. ވިލާއެއާ އިން ބުނީ ދެ ބޯޓް ވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މާލެ ގެންނާނެ ކަމަށެވެ.
ވިލާއެއާ އިން ބުނީ މާލެ، މާމިގިލީ، ދަތުރުތައް މާޗު މަހު ފެށުމާ އެކު އޭޕްރީލް މޭގައި ކައްދު އާއި ކާޑެއްދޫ އަށް ދަތުރުތައް ފަށާނެ ކަމަށެވެ. އަދި އަހަރުގެ ފުރަތަމަ ކްއާޓަރުގެ ތެރޭގައި ހަނިމާދޫއަށް ދަތުރުފެށުމަށް އަމާޒުކޮށްފައިވާ ކަމަށެވެ.