ޖީއެސްޓީ ނުދައްކައިގެން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފުރަތަމަ ފަހަރަށް ކުންފުންޏަކާ ދެކޮޅަށް ދައުވާކޮށްފި އެވެ.

މީރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޓީ-ޖީއެސްޓީގެ ގޮތުގައި އިތުރަށް ދައްކަންޖެހޭ ފައިސާ އާއި ދައްކަން ޖެހޭ އަދަދަށް ވުރެ މަދުން ފައިސާ ދައްކައިގެން އަރާފައިވާ ޖޫރިމަނާ ނުދައްކައިގެން ޑެމާލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ކުންފުނީގެ މައްޗަށް ކުރި އެ ދައުވާއަކީ 13 ސެޕްޓެމްބަރު 2012 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ޖުމްލަ 2،606.86 ޑޮލަރު އެ ކުންފުނީގެ އަތުން ހޯދުމަށް ކުރި ދައުވާއެއް ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

"މިއީ އެގޮތަށް އަޅުގަނޑުމެން ކުރި ފުރަތަމަ ދައުވާ، އަޅުގަނޑުމެންނަށް ވާހަކަދައްކައިގެން މައްސަލަ ހައްލުނުވެއްޖެ ނަމަ މިގޮތަށް ދައުވާކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން މީރާއިން ކޯޓުތަކަށް ވައްދާފައިވާ މައްސަލައިގެ އަދަދު 40 އަރަ އެވެ. މިހާތަނަށް ހޯޓަށް ވެއްދި ގިނަ މައްސަލަތައް ނިމިފައި ހުރީ މީރާއާ އެއްކޮޅަށެވެ.

މީރާއިން އެންމެ ފަހުން އާންމު ކުރި މާލޭ ސަރަހައްދުން ޖީއެސްޓީ ނުދައްކައި މީހުންގެ ލިސްޓުގައި 222 މީހުން ހިމެނޭއިރު އޭގެ ތެރެއިން 51 ފަރާތަކީ ޓޫރިޒަމް ދާއިރާގެ ފަރާތްތަކެވެ. މީރާ އިން މިހާރު ވެސް އަންނަނީ ޗެކްބައުންސްވާ ފަރާތްތަކާ ދެކޮޅަށް ޖިނާއީ ދައުވާ ކުރުމަށް އެ މައްސަލަތައް ފުލުސް އޮފީހަށް ފޮނުވަމުންނެވެ. ޖީއެސްޓީ ނުދައްކާ މީހުންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.