ނިސްބަތުން ގިނަ އެކްސިޑެންޓްތަށް ރާއްޖޭގައި ހިނގަ އެވެ. ނުރައްކާތެރި އެކްސިޑެންޓްތައް މަދުން ހިނގި ނަމަވެސް ބައެއް އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަވެސް ގޮސްފައިވެ އެވެ. މާލޭގެ މަގުތަކުގެ ހަނިކަމާއި ކާރޫބާރު ބޮޑުކަމުން ހިނގާ އެކްސިޑެންޓްތައްވެސް ގިނަ އެވެ. ނަމަވެސް އެކްސިޑެންޓްތަކުގައި ވެހިކަލަށާއި އަނެކާގެ މުދަލަށް އަދި އަމިއްލަ މީހާއަށްވެސް ލިބޭ ގެއްލުމަށް ބަދަލެއް ހޯދައިދިނުމަކީ އުދަގޫ ކަމެކެވެ. އެފަދަ ނިޒާމުތައް ރާއްޖޭގައި މިހާތަނަށް ފައްކާ ކުރެވިފައެއްނެތެވެ. ނަމަވެސް ދާދި ފަހުން ސަރުކާރުން ނިންމާފައިވަނީ ވެހިކަލްތައް "ތާޑް ޕާޓީ އިންސްއަރެންސް" ނުކުރާނަމަ ޖޫރިމަނާ ކުރާށެވެ.

ވެހިކަލެއް ދުއްވަން ފަރިތަ މީހުން ގިނަ ނަމަވެސް "ތާޑް ޕާޓީ އިންސްއަރެންސް" އަކީ ދިވެހިންނަށް ފަރިތަ އެއްޗެއް ނޫނެވެ. އަންނަ ބުރާސްފަތި ދުވަހަށް ތާޑް ޕާޓީ އިންޝްއަރެންސް ކުރުމުގެ ސުންގަޑި ހަމަވި ނަމަވެސް ތާޑް ޕާޓީ އިންސްއަރެންސް ދަންނަނީ މަދު ބަޔެކެވެ. ގިނަ މީހުންގެ ސުވާލަކަށް ވަނީ؛ "ތާޑް ޕާޓީ އިންޝުއަރެންސް އަކީ ކޮބާ؟"، "އެއީ ކީއްކުރާ އެއްޗެއް؟"

ތާޑް ޕާޓީ އިންޝުއަރެންސް އަކީ ކުރުގޮތަކަށް ބުނާނަމަ ތިމާގެ އުޅަނދަކުން އަނެކާއަށް ނުވަތަ އަނެކާގެ އުޅަނދަކަށް ނޫނީ ތަންތަނާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލުދެވޭގޮތަށް ނަގާ އިންސްއަރެންސް ޕްލޭންއެކެވެ. އެއްގައުމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު އިންޝުރެންސް ކުރުމުގެ ގަވާއިދު އެކުލަވާލައި މީގެ ހަމަސް ކުރިން ވަނީ ގެޒެޓްކޮށްފަ އެވެ. އެ ގަވާއިދުން ވެހިކަލްތައް އިންޝުއަރެންސް ކުރާނެ ގޮތުގެ މިންތަކާއި އިންތަށް ވަނީ ކަޑައަޅައިފަ އެވެ.

ގަވާއިދު ތަފްސީލް ކޮށްދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން، އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ ގަވާއިދަށް އަމަލުކުރަން ފަށާއިރު ތާޑް ޕާޓީ އިންޝުއާ ނުކުރާ ވެހިކަލްތައް ދުއްވާ ކޮންމެ ދުވަހަކަށް 750ރ. ގެ ޖޫރިމަނާއެއް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ތާޑް ޕާޓީ އިންޝުއަރެންސް ފޯރުކޮށްދޭ ހަތަރު ކުންފުންޏެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އެއީ ސިލިންކޯ އިންޝުއަރެންސް އާއި އެލައިޑް އިންޝުއަރެންސްގެ އިތުރުން އަމާނާ ތަކާފުލް އާއި ސްރީލަންކަން އިންސުއަރެންސް އެވެ.

"މި ކުންފުނިތަކުގެ އަގުތަކުގައި ތަފާތެއް ނުހުންނާނެ އެއް ހަމައަކުން ހިދުމަތް ދެމުންދާނީ،" ނާފިޒް ވިދާޅުވި އެވެ.

ތާޑް ޕާޓީ އިންޝުއަރެންސުގެ ދަށުން ދައްކަން ޖެހޭ ޕްރިމިއަމް ބަހާލާފައިވަނީ ހަތަރު ކެޓަގަރީއަކަށް އުޅަދުގެ ބާވަތަށް ބަލައިގެންނެވެ. އެގޮތުން ސައިކަލަކުން 50 ސީސީއާ ހަމައަށް ދައްކަން ޖެހެނީ 150ރ. އެވެ. އަދި 50 ސީސީން 250 ސީސީއާ ހަމައަށް 175ރ. ދައްކަން ޖެހޭއިރު 250 ސީސީން މަތީގެ ސައިކަލްތަކުން ދައްކަން ޖެހެނީ 400ރ. އެވެ. އަދި ޕްރައިވެޓް ކާރެއްނަމަ 750ރ. ދައްކަން ޖެހެއެވެ. އަދި ޓެކްސީތަކުން ދައްކަން ޖެހެނީ 1000ރ. އެވެ. އަދި އަމިއްލަ ބޭނުމާއި ވިޔަފާރީގެ ބޭނުންތަކަށް ދުއްވާ އުޅަނދުތަކުން 1،000ރ. ދައްކަން ޖެހޭއިރު، ޓެކްސީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ އުޅަނދުތަކުން 1،500ރ. ދައްކަން ޖެހެ އެވެ. އަދި އެހެން މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުތަކުން ދައްކަން ޖެހެނީ 2،000ރ. އެވެ.

އެކްސިޑެންޓަކަށް ފަހު ބަދަލުދޭނެ ގޮތުގެ އުސޫލުތަކެއްވެސް އެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ. އަމާނާ ތަކަފުލްގެ ސީނިއާ ސޭލްސް އެގްޒެކެޓިވް، އަބްދުﷲ މުރުޝިދު ވިދާޅުވީ އެކްސިޑެންޓެއް ހިނގާ ވަގުތު ލަސްނުކޮށް އެކަން ފުލުސް އޮފީހަށް އަންގަން ޖެހޭނެ ކަމަށެވެ. ފުލުހުން އެކަމެއް ތަހްޤީގު ކުރުމަށް ފަހު ރިޕޯޓް ހުށަހެޅުމުން ކުންފުނިން ބަދަލު ދިނުމުގެ މަސައްކަތް ފަށާނެ ކަމަށް މުރުސިދު ވިދާޅުވި އެވެ.

"ޕޮލިހުން ރިޕޯޓް ހުށަހެޅުމުން އެއަށް ބަލާފައި އަޅުގަނޑުމެން ނިންމާނީ ކޮން ފަރާތެއް ކަން ކުށްވެރި ވަނީ، ކުށްވެރިވާ ފަރާތަކުން މި ޖެހެނީ އެކަމަށް ޒިންމާ ވާން، އެ ހިސާބުން އިންޝުއަރެންސް ކުންފުނީގެ މަސައްކަތް ފެށޭނީ. އަދި ޕޮލިސް ރިޕޯޓާ އެކު އަޅުގަނޑުމެން ބޭނުން ވާނެ އުޅަނދުގެ ވެރިފަރާތުގެ ސިޓީ އަކާއި މާލެ ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ތިން ގަރާޖެއްގެ ކޯޓޭޝަން ވެސް" މުރުޝިދު ވިދާޅު ވިއެވެ.

ވެހިކަލް އިންޝުރެންސް ކުރުމުގެ ގަވާއިދުގައިވަނީ އިންޝުރެންސް ކުންފުނިތަކުން ބަދަލު ދިނުމުގައި ގެންގުޅެން ޖެހޭނެ އެންމެ ދަށް މިންގަނޑަކީ އުޅަނދަކަށް ލިބޭ ޖިސްމާނީ ގެއްލުންތަކަށް 60000ރ. އެވެ. އަދި މަދަނީ ގެއްލުމަކަށް ބަދަލުގެ ގޮތުގައި 40000ރ. އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ތާޑް ޕާޓީ އިންޝުއަރެންސް ކުރަން ޖެހޭއިރު މިހާރު އޮތީ ވަގުތު ކޮޅެކެވެ. އަތޮޅުތެރޭގައި ވެހިކަލްތަކަށްވެސް އެ އިންޝްއަރެންސް އެޕްލައިކުރަން ޖެހޭއިރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތްދޭ އެލައިޑުން އަންނަނީ ރަށްރަށަށް ޒިޔާރަތްކޮށް އިންޝުއަރެންސް ކޮށްދެމުންނެވެ.
އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެކުންފުނިން އެކަނިވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ތާޑް ޕާޓީ އިންޝުއާ ކޮށްފައިވާ ކަމަށެވެ. އެގޮތުން އަތޮޅުތަކުން ގާތްގަނޑަކަށް 500 އަށްވުރެ ގިނަ ފަރާތްތަކުން އުޅަދުތައް އިންޝުއާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާފިޒްވެސް ވިދާޅުވީ ގިނަ ފަރާތްތަކަކުން އިންޝުއާ ކޮށްފައިވާކަން މިނިސްޓްރީއަށްވެސް އެނގިފައިވާ ކަމަށެވެ. އަދި އެންމެ ފަހުވަގުތަށް މަޑުނުކޮށް އިންޝްއަރެންސްގެ ކަންތައްތައް ހަމަޖެއްސުމަށްވެސް އޭނާ އެދިވަޑައިގަތެވެ.

"ފައިންވުމުގެ ކުރިން އެއްވެސް ފަރާތަކުން އެންމެ ފަހުވަގުތަށް މަޑުނުކުރައްވާ އިންސްއަރެންސް ކުރެއްވުން ރަނގަޅުގޮތަކީ، އަޅުގަނޑުމެން އެދެނީވެސް އެގޮތަށް،" ނާފިޒް ވިދާޅުވި އެވެ.

ތާޑް ޕާޓީ އިންޝްއަރެންސަކީ ތިމާގެ އައްޑަނައަކަށް ވާއިރު އެ އިންޝުއަރެންސް ކުރުމުން އެކަހެރިވާންވީ ސަބަބެއް ނެތެވެ. ތާޑް ޕާޓީ އިންޝުއަރެންސަކީ ތިމާ އާއި އެހެން މީހުންގެވެސް ރައްކަލެކެވެ.