03 Oct 2012, 22:57
ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރުކަން ކުރެއްވި ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ބަންދަށް މިރޭ 15 ދުވަސް ޖަހައިދީފިކަން ސަން އޮންލައިން އަށް ކަށަވަރުވެއްޖެ އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ގާނޫނީ ޓީމުން ވާހަކަ ދެއްކެވި ވަކީލަކު މިރޭ ސަން އޮންލައިނަށް ވިދާޅުވީ އަފްރާޝީމްގެ އަވަހާރަކޮށްލުމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަސަން ހުމާމް އާއި މަރިޔަމް ނާއިފާ އަދި އަލީ ހާޝިމްގެ ބަންދަށް ކްރިމިނަލް ކޯޓުން މިރޭ ޖަހައިދީފައިވަނީ 15 ދުވަހުގެ މުއްދަތެއް ކަމަށެވެ. ހަތަރުވަނަ މީހާގެ ބަންދަށްވެސް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދިން ކަމަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް އެ މީހާގެ މައުލޫމާތު ސާފުވާގޮތެއްނުވި އެވެ.
އެ މައްސަަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މުއްދަތު ޖަހަން ކޯޓަށް ގެންގޮސްފައިވަނީ މިރޭ 9:15 އެހާކަންހާއިރު ކޮންމެ މީހަކުވެސް ވަކިވަކިންނެވެ. އާންމުކޮށް މީހުން ވައްދާ ދޮރާ ހިލާފަށް އެ އެންމެންވެސް ކޯޓަށް ވައްދާފައި ވަނީވެސް ކްރިމިނަލް ކޯޓުގެ ފުރަގަސް ދޮރުންނެވެ. އެމީހުން ނެރެގެން ގެންދިޔައިރުވެސް އެއީ ކާކުކަން ނޭންގޭ ވަރަށް ފުލުހުން ވަނީ އެމީހުން ފޮރުވައިފަ އެވެ. އަދި ފުލުހުންގެ ވެހިކަލްގައިވެސް ބައިތިއްބާފައި ތިބީ ވަރަށް ބޮޑު ފޮރުވައިފަ އެވެ. އެ މަންޒަރުތައް ފޮޓޯނަގަން ނޫސްވެރިން މަސައްކަތް ކުރި ނަމަވެސް އެ ސަރަހައްދުގައި ތިބި ފުލުހުން ވަނީ އެކަމަށް ހުރަސްއަޅައިފަ އެވެ.
ފުލުހުން މިއަދު ބުނެފައި ވަނީ އެ މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ތިން ފިރިހެނަކާއި އަދި އަންހެނެކެވެ. ތަހުގީގަށް ހުރަސް އެޅިދާނެތީ ފުލުހުން އެމީހުންގެ މައުލޫމާތު އާންމުކޮށްފައެއްނުވެ އެވެ.
އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ އޭނާ ދިރިއުޅުއްވި، ހ. ފުންވިލުގޭ ސިޑީކައިރީގައި އެތަންމިތަނަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލުމަށް ފަހު އެވެ.