03 Oct 2012, 22:21
ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭން ފުލުހުން ނިންމި ނިންމުން ނިމުމަކަށް ގެނައުމުން އައިއެފްޖޭ އިން މަރުހަބާކިޔައިފި އެވެ.
އައިއެފްޖޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވި ދުވަހުން ފެއްޓިގެން، ހުތޫރަތްތެރި ދަނޑިވަޅުތަކުގައި، ދައުލަތުގެ މުއައްސަސާތަކުން، ނަޝީދާ "ރައްޓެހި" އެޑިޓޯރިއަލް ޕޮލިސީއެއް އޮންނަ ރާއްޖެ ޓީވީ އަށް އެއްބާރުލުން ދިނުން ހުއްޓާލާފައިވާ ކަމަށެވެ.
އައިއެފްޖޭ އިން ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓީތަކުން ވެސް އެ ޕާޓީތަކާ "ރައްޓެހި" އެޑިޓޯރިއަލް ޕޮލިސީއެއް އޮންނަ މީޑިއާތަކަށް އެކަނި ފުރުސަތުދޭ ކަމަށެވެ. އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާ ހަވާލާދީ އައިއެފްޖޭ އިން ބުނެފައި ވަނީ މިދިޔަ އޯގަސްޓް މަހުން ފެއްޓިގެން ފުލުހުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭ ކަމަށެވެ. އަދި ބުނެފައި ވަނީ އިދިކޮޅު ލީޑަރު މުހައްމަދު ނަޝީދު ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ރާއްޖެ ވަޑައިގަތް ދުވަހު ނަޝީދު ވެސް އެ އުސޫލުން އަމަލުކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ އިދާރާތަކުން ހުރިހާ މީޑިއާތަކަށް ތަފާތު ކުރުމެއް ނެތި އަމަލު ކުރުމަށް އެމްޖޭއޭ އިން ގޮވާލާފައިވާ ގޮވާލުމަށް އައިއެފްޖޭ އިން ވަނީ ތާއީދުކޮށްފަ އެވެ.
ރާއްޖެ ޓީވީ އަށް ފުލުހުން އެއްބާރުލުން ދިނުން ހުއްޓާލީ ފުލުހުންގެ މުއައްސަސާއާ މެދު ރުޅިވެރިކަން އުފެދޭ ގޮތަށް ދޮގު ހަބަރުތައް ފަތުރާ ކަމަށް ބުނެ އެވެ.