03 Oct 2012, 20:22
މާލޭގެ ކުނިގޮނޑަށް އުކާލާފައި ހުރި ގިނަ އަދަދެއްގެ ކުކުޅުތަކެއް ޕިކަޕަކަށް އަރުވައިގެން ވިއްކަމުން ދިޔަ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިރޭ އިރާކޮޅު ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭ ހިމެނެނީ ޕިކަޕު ދުއްވަން އިން ދިވެއްސެއްގެ އިތުރުން، އިތުރު ދިވެއްސަކާއި އިތުރު ދެ ބިދޭސީން ކަމަށެވެ. އަދި މުއްދަތު ހަމަވެގެން އުކާލާފައި ހުރި 300 އެއްހާ ކުކުޅުގެ ތެރެއިން 150 ކުކުޅު ހިފައިގެން ނުކުމެ ބައެއް މީހުންނަށް އެކުކުޅުތައް ވިއްކާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ސިޓީ ކައުންސިލާ ގުޅިގެން ކުކުޅުތައް ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމީހުން ވިއްކި ކުކުޅުތައް އެއްވެސް ބަޔަކު ގަނެފައިވާ ނަމަ އެތަކެތި ބޭނުން ނުކުރުމަށް ވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފަ އެވެ.
މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވެސް މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުނިގޮނޑަށް އުކާލި "ޑޮއުކްސް" ބްރޭންޑްގެ ކުކުޅު މަސްތަކެއް މާލެތެރޭގައި ވިއްކި ކަމަށެވެ. އަދި ބުނީ އެފަދަ ކުކުޅު މަސް ކައިފި ނަމަ އިންސާނުންގެ ސިއްްހަތަށް ނުރައްކާތެރިވެދާނެތީ އެފަދަ ކުކުޅު ނުކެއުމަށް އިލްތިމާސް ކުރާ ކަމަށެވެ.