ބަންގްލަދޭޝް ޓީމު "ތަޖުރިބާ ހޯދަން" ކުޅުނު ސެން މެރީނޯއަށް އަނެއްކާވެސް ލަދުވެތި ބައްޔެއް
ބަންގްލަދޭޝް ޓީމު "ތަޖުރިބާ ހޯދަން" ކުޅުނު ސެން މެރީނޯއަށް އަނެއްކާވެސް ލަދުވެތި ބައްޔެއް

ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފާހަގަކުރުމަށް ކުޅުނު ޑައިމަންޑް ޖުބިލީ މުބާރާތުގައި ކުޅުމަށް ދިން ދައުވަތު ރައްދުކޮށް، "ތަޖުރިބާ ހޯދުމަށް" ކަމަށް ބުނެ ބަންގްލަދޭޝް ޓީމާއި ސެން މެރީނޯ ކުޅުނު މެޗުން އަނެއްކާވެސް ލަދުވެތި ބައްޔަކާ ބަންގްލަދޭޝަށް ކުރިމަތިލާން ޖެހިއްޖެއެވެ.

މިހާރު ކުރިއަށްދާ ޔުއެފާ ނޭޝަންސް ލީގުގައި ރޭ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ފިންލެންޑާ ވާދަކޮށް ބަލިވެފައިވަނީ 0-7 ގެ ނަތީޖާއިންނެވެ. އެޓީ މުގެ އެސެންދްރޯ ގޮލިނޫޗީއަށް 51 ވަނަ މިނެޓުގައި ދެއްކި ރަތްކާޑާއެކު މެޗުގެ ދެވަނަ ހާފުގެ ބޮޑު ބައި އެ ޓީމުން ކުޅެފައިވަނީވެސް 10 ކުޅުންތެރިންނާއެކުގައެވެ.

ފިންލެންޑުގެ ލަނޑުތައް ޖަހައިދިން ކުޅުންތެރިންނަށް ބަލާއިރު އިޓަލީގެ ޕަލެރްމޯއަށް ކުޅެމުން އަންނަ ޖޮއެލް ޕޮޖަންޕަލޯ ވަނީ މެޗުގައި ހެޓް ޓްރިކެއް ހަދާފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ފިންލެންޑުގެ ފުރަތަމަ ލަނޑު ޖަހައިދިނީވެސް އޭނާއެވެ. މީގެ އިތުރުން ވޭލްސްގެ ސްވޯންސީ ސިޓީއަށް ކުޅެމުން އަންނަ ލިއޯ ވޮލްޓާ ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ ބާކީ ދެ ލަނޑު ޖަހައިދިނީ ބެންޖަމިން ކޯލްމަން އަދި އެޑްރިއަން ސްވޯންބެކްއެވެ.

ފާހަގަކުރެވޭ ގޮތުގައި ސެން މެރީނޯ އަކީ ފީފާ ރޭންކިން ގެ އެންމެ ފުލުގައި އޮތް ޓީމެވެ.

ބަންގްލަދޭޝް ޓީމު، ސެން މެރީނޯއާ ވާދަކޮށް މޮޅުވެފައިވަނީ ހަނި ގޮތަކަށްކަން ފާހަގަކުރެވެއެވެ. މެޗުގެ 19 ވަނަ މިނެޓުގައި ޓޮޕޫ ބާމަން ބަންގްލަދޭޝްއަށް ލީޑު ނަގައިދިން ނަމަވެސް ސެން މެރީނޯއިން ވަނީ މެޗުގެ 31 ވަނަ މިނެޓުގައި އެއްވަރުކޮށްފައެވެ.

ބަންގްލަދޭޝް އާއި ސެން މެރީނޯ ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން--

މެޗުގެ ބޮޑުބައި 1-1 އިން އެއްވަރުވެފައި އޮތުމަށްފަހު ބަންގްލަދޭޝް މޮޅުވި ލަނޑު ޖަހައިދިނީ މެޗުގެ 86 ވަނަ މިނެޓުގައި، ޓޮޕޫ ބާމަންއެވެ.

މިއީ އެޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ކާމިޔާބުކުރެވުނު ހަމައެކަނި މެޗެވެ. ސިންގަޕޫރާ ބައްދަލުކޮށް 0-1 އިން ބަލިވެފައިވާއިރު ޕާކިސްތާން އަދި އަފްޣާނިސްތާން އަތުން އެއްވަރުވީ 0-0 އިންނެވެ. އަދި ރާއްޖެއާ އެއްވަރުވީ 1-1 އިންނެވެ.