ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޕޮލިސް ކޮމިޝާނަރު އަބްދުﷲ ރިޔާޒްގެ އިސްތިއުފާއަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލްހާން ފަހުމީ ގޮވާލައްވާފައި ވަނީ ޖަޒުބާތުގައި ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަލްހާން ދެއްކެވި ވާހަކަފުޅަކީ ޖުމްހޫރީ ޕާޓީ ބޭނުންވެގެން ނުވަތަ ޖުމްހޫރީ ޕާޓީގެ ރޫހާ އެއްގޮތަށް ދެއްކެވި ވާހަކަފުޅެއް ނޫން ކަމަށެވެ. އަދި އަލްހާން މަޖިލީހުގައި ދެއްކި ވާހަކަތަކާ ގުޅިގެން ޖުމްހޫރީ ޕާޓީން ހިތާމަ ކުރާ ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

"ޖުމްހޫރީޕާޓީ އަކީ މިހާރު މިއޮތް ސަރުކާރުގެ ކޯލިޝަން ޕާޓްނަރަކަށްވާތީ، ރައްޔިތުންނަށް އިހްލާސްތެރިކަމާ ޢެކު ހިދުމަތް ކުރުމުގައި ޖުމްހޫރީޕާޓީން މިސަރުކާރަށް ވާގިވެރިވަމުންދާ ވާހަކަ ދެންނެވީމެވެ. އަދި ޖަޒުބާތުގައި ހުންނަވައިގެން މިއަދު އަލްހާން ފަހުމީ އެދެއްކެވި ވާހަކަފުޅާ މެދު ހިތާމަކުރާ ވާހަކަވެސް މިފުރުސަތުގައި ދެންނެވީމެވެ،" ނޫސްބަޔާނުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިމްތިޔާޒަށް ރައީސް ވަހީދު "އަރައިގެންފައި"ވާ ކަމަށެވެ. އަދި މެންބަރުންނާ ބެހޭ ގޮތުން އެހެން ވާހަކަ ދެއްކިތާ މާގިނަ ދުވަހެއް ނުވެ، އަފްރާޝީމްގެ މަރުގެ ހާދިސާ ހިނގާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނަށް ފުލުހުންދެމުންދާ ސެކިއުރިޓީއާ މެދު ކަންބޮޑުވުން ފާޅުކޮށް، މަރުގެ ހަމަލާތައް ނުހުއްޓުވޭތީ ހޯމް މިނިސްޓަރާއި ކޮމިޝަރު އޮފް ޕޮލިސް ރިޔާޒް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.

"ކޮމިޝަނަރު އޮފް ޕޮލިސް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ވިދާޅުވި ދިވެހިރާއްޖޭގެ ކުށްވެރިން ފުލުހުންގެ މުއައްސަސާ ދެކެ ބިރުގަންނަ ތަނަކަށް ހަދާނަމޭ. ކާކުތޯ ބިރުގަތީ. އެފަހުން ފުލުހަކު މަރާލީ ގާނޫނީ ވަކީލަކު މަރާލީ އެފަހުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަރާލީ މާދަމާ މަރާލާނީ ވަޒީރެއް އަނެއް ދުވަހު މަރާލާނީ ރައީސުލްޖުމްހޫރިއްޔާ،" އަލްހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިރާއްޖޭގައި ހައްދު ފަހަނައަޅާފައިވާ ދީނީ މީހުން އެބަ ތިބި ކަމަށާއި އެ މީހުންގެ ފަރާތުން ޑރ. އަފްރާޝީމަށް އިންޒާރުތަކެއް އައިސްފައިވާ ކަމަށެވެ.

އަލްހާން ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ ކަރަށް "ވަޅި އާއި ކަންޖަރު"ގެ ނުރައްކާ އައުމުން، އާންމު ރައްޔިތުންނަށް އެކަމުގެ ނުރައްކާ މާ ބޮޑު ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް ރާއްކާތެރިކަން ދިނުމަށް ޓަކައި ކަމާ ބެހޭ މުއައްސަސާތަކުން މަސައްކަތް ނުކުރެވޭ ނަމަ އެ ވުޒާރާތަކުގެ އިސްވެރިން އިސްތިއުފާއަށް ގޮވާލި އެވެ.