03 Oct 2012, 17:59
އެމްޑީޕީގެ "ވައުދުގެ ދަތުރުގައި" ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ރައީސް މުހައްމަދު ނަޝީދު ފައްޓަވާފައިވާ ދަތުރުގައި ސެކިއުރިޓީ ބޭނުން ނުވާ ކަމަށް ވިދާޅުވުމުން ގައުމީ ދިފާއީ ބާރުން އެމަނިކުފާނަށް ސެކިއުރިޓީ ދިނުން މެދުކަނޑާލައިފި އެވެ.
ޑިފެންސް މިނިސްޓަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސެކިއުރިޓީ ބޭނުންފުޅު ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވާތީ އެމްއެންޑީއެފުން އެމަނިކުފާނަށް ސެކިއުރިޓީ ދިނުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެއީ އެމަނިކުފާނު އެގޮތަށް އެދިވަޑައިގެންނެވުމުން އަބަދުވެސް އެމްއެންޑީއެފުން އަމަލު ކުރަމުންދާ އުސޫލް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސެކިއުރިޓީ ބޭނުން ނުވާ ކަމަށް ވިދާޅުވެއްޖެ ހާލަތެއްގައި އަޅުގަނޑުމެން ސެކިއުރިޓި ޕްރޮވައިޑެއް ނުކޮށްދެން. ދެން މިފަހަރު ރާއްޖެތެރެ އަށް ވަޑައިގެން އުޅުއްވާ އިރު ސެކިއުރިޓީ ބޭނުން ނުވާ ކަމަށް ވިދާޅުވީމާ ސެކިއުރިޓީ އަޅުގަނޑުމެނެއް ނުދެން،"
ނާޒިމް ވިދާޅުވީ ސެކިއުރިޓީ ބޭނުންވެއްޖެ ހާލަތެއްގައި އެމަނިކުފާނު ހުންނެވި ސަރަހައްދަކުން އެމްއެންޑީއެފުން ސެކިއުރިޓީ ދެއްވާނެ ކަމަށެވެ.
ރައީސް ނަޝީދަށް އެމްއެންޑީއެފުން ސެކިއުރިޓީ ދެމުންދަނީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ ބޭފުޅަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުންނެވެ.
ރައީސް ނަޝީދު ކަނޑުމަގުން ރާއްޖޭގެ ދެކުނަށް ކުރައްވަމުންދާ ގެންދަވާ ދަތުރުގައި މިހާރު އުޅުއްވަނީ ގއ.ގެ ރަށްތަކުގަ އެވެ. މިއަދު ވަނީ ގއ. ވިލިނގިއްޔާއި އެ އަތޮޅު ކޫއްޑޫއާއި މާންމެންދު އަށް ޒިޔާރަތް ކުރައްވާފަ އެވެ.
ރައީސް ނަޝީދު ގއ. ރަށްތަކަށް މިއަދު ދަތުރު ފައްޓަވާފައިވާ އިރު، އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ ޝަރީއަތަށް ރައީސް ނަޝީދު ހާޒިރުވެވަޑައިގެންފައި ނުވާތީ އެމަނިކުފާނު ކޯޓަށް ހާޒިރކޮށްދިނުމަށް ފުލުހުންނަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ކޯޓް އަމުރާ އެކު ނަޝީދު ޝަރީއަތަށް ހާޒިރު ކުރުމަށްޓަކައި ފުލުހުންގެ ހާއްސަ ޓީމެއް ދެކުނުގެ ރަށްތަކަށް ދިއުމަށް ޓަކައި މިއަދު ވަނީ މާލެ އިން ފުރައިފަ އެވެ.