03 Oct 2012, 17:40
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަވި ރޭ ސެކިއުރިޓީ ފޯރުކޮށްދީފައިނުވަނީ ސެކިއުރިޓީ މެންދުކަނޑާލުމަށް ކުރިން އަފްރާޝީމް އެދިވަޑައިގެންފައި ވާތީ ކަމަށާއި ސެކުއުރިޓީ ބޭނުންވެއްޖެ ނަމަ މަޖިލިސް ފެށުނީމާ ގުޅުއްވާނެ ކަމަށް އަފްރާޝީމް ވިދާޅުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޝަހީދު ހުސެއިން އާދަމް ބިލްޑިންގްގައި މިއަދު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވީ ބަޔެއްގެ ފަރާތުން އުނދަގޫތަކެއް ވަމުންދާ ކަމަށް ވިދާޅުވެ، އަފްރާޝީމް މިދިޔަ މަހުގެ ކުރީކޮޅު ކުރެއްވި ރިކުއެސްޓަކާ ގުޅިގެން ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހުން ފެށިގެން އަފްރާޝީމަށް ސެކިއުރިޓީ ދެމުން ގެންދިޔަ ކަމަށެވެ. ނަމަވެސް ސެޕްޓެމްބަރު ފަސް ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހާ ހަމައަށް ޑރ. އަފްރާޝީމް ސެކިއުރިޓީ ބޭނުން ކުރެއްވީ އެންމެ ދެ ފަހަރު ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.
"ބައެއްގެ އުނދަގޫތަކެއްގެ ފޯރަމުންދާ ކަމަށް އަފްރާޝީމް ވިދާޅުވި ވިދާޅުވުމުގެ ވާހަކައަކަކީ ކޮން ކަމެއް ކަމަށް ވިދާޅުވާކަށް އަފްރާޝީމް ވެސް ބޭނުންފުޅެއް ނުވި. އަޅުގަނޑުމެން ގަބޫލްކުރީ އެ ދުވަސްވަރު ބައެއް ކަހަލަ ޓީވީ ޝޯތަކާއި މީޑިއާގައި ކޮންމެވެސް ކަހަލަ ވާހަކަތަކެއް ދެއްކެވުމުގެ ސަބަބުން ވިދާޅުވި އެއްޗެއް ކަމަށް،" ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ އަފްރާޝީމް ސެކިއުރިޓީ ނުނަންގަވާތީ ފުލުހުންގެ ސްޕެޝަލް ޕްރޮޓެކްޝަންގެ ފަރާތުން އަފްރާޝީމަށް ގުޅައި ސެކިއުރިޓީ އަށް ނުގުޅުއްވަނީ ސެކުއިރިޓީ ބޭނުންފުޅު ނުވާތީތޯ ސުވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް "ތިމަންނަ މިހުރީ ވަރަށް ކޫލްކޮށް ވަރަށް ހަމަޖެހިލައިގެން މިނިވަންކޮށް،" ކަމަށް އަފްރާސީމް ވިދާޅުވި ކަމަށެވެ.
"އަފްރާޝީމް އެ ދުވަހު ވިދާޅުވީ ތިމަންނަ މިހިރީ ކޫލްކޮށް ހަމަޖެހިލައިގެންނޭ. ދެން ސެކުއިރިޓީ ބޭނުންވާނީ މަޖިލިސް ހުޅުވުނީމައޭ، ބޭނުންވެއްޖެއްޔާ ގުޅުއްވާނެ ކަމަށް އަފްރާޝީމް ވިދާޅުވި،" ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ އަަފްރާޝީމްގެ ސެކިއުރިޓީ މެދުކަނޑާލީ އެހިސާބުން ކަމަށާއި އޭގެ ފަހުން ސިކިއުރިޓީ ހޯއްދެވުމަށް އަފްރާޝީމް ގުޅުއްވާފައި ނުވާ ކަމަށެވެ.