ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާ ރޫޅައިލުމުގެ ތެރޭ ވަކި ވަކި ފުލުހުން ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ލާއިންސާނީ އަނިޔާ ކޮށްފައިވާތީ އެ އަމަލުތައް ހިންގި ފުލުހުނަށް ގާނޫނީ ފިޔަވަޅު އަޅަން ޕޮލިސްޓް އިންޓްގްރިޓީ ކޮމިޝަން (ޕީއައިސީ)ން ނިންމައިފި އެވެ.

އެމްޑީޕީގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ތަހުގީގު ކުރުމަށް ފަހު ޕީއައިސީން މިއަދު އާންމު ކުރި ރިޕޯޓުގައި ބުނެފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ބާރު ލިބިގެން ފުލުހުން އެކުލަވާލާފައިވާ "ހަތިޔާރު ގެންގުޅުމާއި ބޭނުން ކުރުމާބެހޭ ގަވާއިދާ" ހިލާފަށް އެ ދުވަހުގެ މުޒާހަރާ ރޫޅައިލުމުގެ ތެރޭގައި ބައެއް ފުލުހުން އަމަލުކޮށް މުޒާހަރާގެ ބައެއް ބައިވެރިންނަށް އަނިޔާކޮށް ލާއިންސާނީ އަމަލުތައް ހިންގައި ހުތުރުބަހުރުވަ ބޭނުންކޮށްފައިވާކަން ތަހުގީގަށް ދީފައި ހުރި ހެކިބަހުންނާއި، ފޮޓޯ އާއި އަދި ވީޑިއޯއިން ފެންނަ ކަމަށެވެ. އެ ފުލުހުންގެ މައްސަލަތައް ވަކިވަކިން ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

"ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާބެހޭ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އާއި މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ރ) ގެ އެއްވަނަ ނަމްބަރާއި، ދެ ވަނަ ނަންބަރާއި، ތިން ވަނަ ނަންބަރާއި، ފަސް ވަނަ ނަންބަރާއި ހިލާފަށް މުޒާހަރާގެ ބައެއް ބައިވެރިންނަށް [ވަކި ވަކި ފުލުހުން] އަނިޔާކޮށް އެމީހުންނާ މެދު ލާއިންސާނީ އަމަލު ހިންގާ ހުތުރު ބަހުރުވަ ބޭނުން ކޮށްފައިވާ ކަމަށް އަންނަނިވި ސަބަބުތަކަށްޓަކައި ކޮމިޝަނުން ނިންމައިފީމެވެ... ފާހަގަކޮށްފައިވާ އަނިޔާގެ މައްސަލަތައް ވަކިވަކިން ތަހުގީގުކޮށް، ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ފުލުހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކޮމިޝަނުން ނިންމައިފީމެވެ،" ނުވަ ސޮފުހާގެ ރިޕޯޓުގައިވެ އެވެ.

ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާއީލްގެ ރައުޔު ތަފާތުވެ ވަޑައިގެންނެވި ރިޕޯޓުގައި ފެބުރުއަރީ 8 ގެ މުޒާހަރާ ރޫޅާލުމުގައި ގާނޫނާއި ގަވާއިދާއި ހިލާފަށް ފުލުހުން އަމަލުކޮށްފައިވާ 12 މައްސަލައެއް ވަނީ ފެންމަތިކޮށްފަ އެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކަށް ފުލުހުން އަނިޔާކޮށްފައިވާ މައްސަލަ އާއި މުޒާހަރާ ރޫޅާލަން ފެށުމުން ރައީސް ނަޝީދާއި މައްޗަންގޯޅި އުތުރު ދާއިރާގެ މާރިޔާ އަހުމަދު ދީދީ "ނިޔާޒް ސްޓޯރު" ތެރޭގައި ފިއްލަވައިގެން ތިއްބަވަނިކޮށް އެ ބޭފުޅުންނާމެދު ފުލުހުން ލާއިންސާނީ އަމަލު ހިންގާ އިހާނެތިކޮށް އަމަލުކޮށްފައިވާ މައްސަލަ އެވެ. އަދި ދެ ފުލުހަކު މާރިޔާގެ ގައިގާ ޖަހާފައިވާކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އެމްޑީޕީގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި މުހައްމަދު ގަސަމް އާއި އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް އަނިޔާކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެ އެވެ.

"އެމްޑީޕީގެ ސަޕޯޓަރުން ކަމަށް ބެލެވޭ ކާކުކަން ނޭގޭ 15 މީހަކަށް ފުލުހުން އަނިޔާކުރާތަން ކޮމިޝަނަށް ލިބިފައިވާ ވީޑިއޯތަކުން ފެންނަން [ހުއްޓެވެ]. މުޒާހަރާ ރޫޅާލި ވަގުތު ފުލުހުން އަތްދަމާފައި މުގުރުން 14 މީހެއްގެ ގައިގާ ތަޅާތަނާއި، ފުލުހަކު މުގުރުން މީހެއްގެ ބޮލުގައި ޖަހާތަން ކޮމިޝަނަށް ލިބިފައިވާ ވީޑިއޯތަކުން ފެންނަން ހުރުން،" ރިޕޯޓުގައިވެ އެވެ.

ނަމަވެސް އެދުވަހުގެ މުޒާހަރާ އިންޒާރަކާ ނުލައި ރޫޅައިލަން ފުލުހުން ނިންމީ ފުލުހުންގެ ގާނޫނުގެ ހަވަނަ މާއްދާ އާއި ހަތަރު ވަނަ މާއްދާ އަދި އަށް ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ކަމަށް ރިޕޯޓުގައިވެ އެވެ. އަދި އެދުވަހުގެ މުޒާހަރާ ރޫޅައި ނުލައިފިނަމަ އިތުރު ގެއްލުންތަކެއް ވެދާނެ ފަދަ މާހައުލެއް އޮތް ކަމަށްވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން އެދުވަހު ފުލުހުން ހިންގި ގާނޫނާއި ހިލާފު އަމަލުތަކަށް ފުލުހުންގެ އިސްވެރިން ޒިންމާވާކަށް ނުޖެހެ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެދުވަހުގެ މުޒާހަރާ ރޫޅާލުމުގެ އޮޕަރޭޝަނަށް ނުކުތުމުގެ ކުރިން ފުލުހުން އެފަދަ އަމަލުތައް ނުކުރުމަށް ފުލުހުންގެ އިސްވެރިން ނަސޭހަތް ދިން ކަމާއި ދެ ފަރާތުގެ މެދުގައި ހަމަނުޖެހުމަކަށް ދާން ފެށުމާއެކު ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލުމުން ސްޕެޝަލިސްޓް އޮޕަރޭޝަންގެ އޮފިސަރު އެ ސަރަހައްދަށް ގޮސް އެތަނުގެ ކޮމާންޑް އެންޑް ކޮންޓްރޯލް 10 މިނެޓްތެރޭގައި ހޯދާފައިވާ ކަމަށް ވެސް ބުނެ އެވެ.

"... މުޒާހަރާ ރޫޅާލުމުގައި ހިނގައި ދިޔަ ގާނޫނާ ހިލާފުކަންކަމުގައި ޒިންމާވާން ޖެހޭނީ ފުލުހުންގެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ހ) ގެ 17 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، އެ އަމަލުތައް ހިންގި ފުލުހުން ކަމަށާއި، ޕޮލިސްގެ އިސްވެރިން ފުލުހުންގެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ހ)ގެ ނުވަވަނަ ނަންބަރުގައިވާ ގޮތަށް އަމަލުކުރުމަށް އަންގަމުން ގެންގޮސްފައިވާކަން ތަހުގީގަށް އެނގެން އޮންނާތީ އާއި އަންނަނިވި ސަބަބުތަކަށްޓަކައި މިކަމުގައި ފުލުހުންގެ އިސްވެރިން އިހުލާމެއް އޮތްކަމަށް ބެލެވެން ނެތް ކަމަށް ކޮމިޝަނުން ނިންމައިފީމެވެ،" ރިޕޯޓްގައިވެ އެވެ.