އަނިޔާވެރި ގޮތަކަށް ޝަހީދު ކޮށްލި ޑރ. އަފްރާޝިމް އަލީގެ ދޮށީ ފިރިހެން ދަރިފުޅު އައްޔޫބު އަފްރާޝީމް އަލީ 12، އިގެ ކިޔެވުމުގެ ހުރިހާ ޚަރަދެއް ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) އަމިއްލަފުޅު ޚަރަދުގައި ބަލަހައްޓަވައި ދެއްވާނެ ކަމުގެ ޔަގީންކަން އާއިލާއަށް ދެއްވާފައިވާ ކަމަށް އަފްރާޝީމް އާއިލާުއިން މިއަދު ބުނެފި އެވެ.

އަފްރާޝިމް ގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަބްދުލް ވާހިދު ބުނީ ރައީސް އޮފީހުގައި ނައިބު ރައީސް ޑީން މިއަދު ހެނދުނު އަފްރާޝީމްގެ މަންމަ އާއި އަފްރާޝީމްގެ ދަރިކަލުން އައްޔޫބު އާއި އެ އާއިލާގެ އެހެން ބައެއް މެންބަރުންނާ ބައްދަލު ކުރެއްވި ކަމަށާއި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި އައްޔޫބުގެ ކިޔެވުމުގެ ހުރިހާ ކަމެއް އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި ކޮށް ދެއްވާނެ ކަމުގެ ޔަގީން ކަން ދެއްވާފައިވާ ކަމަށެވެ. އައްޔޫބުގެ ކިޔެވުން ރާއްޖެއިން ބޭރުންގައި ވިޔަސް އަދި ރާއްޖޭގައި ވިޔަސް ހުރިހާ ހަރަދެއް ކޮށް ދެއްވާނީ އެމަނިކުފާނު ކަމަށް ވިދާޅުވި ކަމަށް ވެސް ވާހިދު ބުންޏެވެެ.

"ޑީން ވިދާޅުވީ އެންމެ ބޮޑު ކަމަކަށް އޮންނާނީ ކިޔެވުން ނޫންހޭ. އެކަންތައް އުފަން ދަރިއަކަށް ކޮށްދެއްވާ ފަދައިން ކޮށްދެއްވާނަމޭ. އައްޔޫބު ބޭނުން ގައުމަކުން ބޭނުން ދާއިރާއަކުން ކިޔެވުނުގެ ހުރިހާ ކަމެއް ކޮށްދެއްވާނަމޭ [ވެސް ވިދާޅުވި،]" ވާހިދު ބުންޏެވެ.

އަވަހާރަކޮށްލި އަފްރާޝީމްގެ ތިން ބޭފުޅުން ތިއްބަވަ އެވެ. އޭގެ ތެރެއިން ދޮށީ ބޭފުޅަކީ އައްޔޫބެވެ. ދެން ތިއްބަވަނީ ދެ އަންހެން ބޭފުޅުންނެވެ.

ބަނޑޮސް ރިސޯޓްގެ ވެރިޔާ އަދި ނައިބު ރައީސް ޑީން އަކީ ވަރަށް ގިނަ އާއިލާތަކަށް ތައުުލީމްގެ ފުރުސަތުތައް ހޯއްދަވައި ދެއްވުމުގެ އިތުރުން އިޖުތުމާއީ ކަންކަމަށް ގިނަ ހޭދަތަކެއް ކުރިންސުރެ ކުރައްވާ ބޭފުޅެކެވެ. މިކަމާބެހޭ ގޮތުން ޑީންގެ ސެކްރެޓަރީ ވެސް އަދި ރައީސް އޮފީހުން ވެސް އެއްޗެސް ބުނެފައެއް ނުވެއެވެ.