(އޮކްޓޯބަރ 3): އަންނަ ނޮވެމްބަރު 6ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރެއިން އޮހާޔޯ ސްޓޭޓްގެ ވޯޓުލުން މިއަދު އެސްޓޭޓްގައި ފަށައިފި އެވެ.

އޮހާޔޯގައި ކުރިން ވޯޓުލުން ބޭއްވި ނަމަވެސް އެހެން ސްޓޭޓްތަކުގައި ވޯޓުލުން އޮންނާނީ އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚު ކަމަށްވާ ނޮވެމްބަރު 6 ގަ އެވެ. އޮހާޔޯއަކީ 2008ގެ ރިޔާސީ އިންތިޚާބުގައި ރައީސް ބަރަކް އޮބާމާއަށް އަޣްލަބިއްޔަތު ދިން ސްޓޭޓެކެވެ. މިއަހަރުގެ ރިޔާސީ ރޭހުގައި މިސްޓޭޓުގެ ރައްޔިތުން ތާއީދުބޮޑީ ކޮން ކެންޑިޑޭޓަކަށްކަން އަދި އެނގިފައެއް ނުވެ އެވެ. އެމެރިކާގެ ރިޔާސީ ރޭހަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށްދާ ކޭންޕޭންތައް މިހާރު ވަނީ ވަރަށްބޮޑަށް ފޯރިހިފައިފަ އެވެ.

އޮބާމާ އާއި މިޓްރޮމްނީގެ ކޭންޕޭންގެ ކަންތައްތައް ކުރިޔަށްދާ އިރު ދެ ބޭފުޅުން ބާއްވާ ފުރަތަމަ ޓީވީ ޑިބޭޓް ކޮލޮރާޑޯގެ ޑެންވަރުގައި މާދަމާ ކުރިޔަށްދާނެ އެވެ. ނުވަދިހަ މިނިއްޓުގެ މިޑިބޭޓަކީ މި ދެ ބޭފުޅުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިން ޑިބޭޓުގެ ތެރެއިން އެންމެ ފޯރިގަދަ ޑިބޭޓަށް ވެގެންދާނެ ކަމަށް މުރާސިލުން ލަފާކުރެ އެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާ ދައްކާ ގޮތުން އެމެރިކާގެ ރައްޔިތުންގެ ތާއީދު ބޮޑީ އޮބާމާއަށެވެ. އެންމެފަހުގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާތަކަށް ބަލާއިރު އެމެރިކާ ރައްޔިތުންގެ ތެރެއިން 49 ޕަސެންޓް މީހުންގެ ތާއީދު ކުރަނީ ރައީސް ބަރަކް އޮބާމާ އަށެވެ. އިދިކޮޅު ކެންޑިޑޭޓް މިޓްރޮމްނީއަށް ތާއީދުކުރަނީ 46 ޕަސެންޓް މީހުންނެވެ. ރޮމްނީ އަކީ އޮބާމާއަޅާބަލާ އިރު ހަރުކަށި ޚިޔާލުގެ ބޭފުޅެކެވެ. އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އިތުރު ޤައުމަކާ ދެކޮޅަށް އެމެރިކާ ހަނގުރާމަ ފަށައި އެމެރިކާގެ އިޤްތިސާދު މިހާރަށް ވުރެ ބޮޑަށް ބަލިކަށިވެގެން ދިޔުމުގެ ފުރްސަތު ބޮޑުކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. (އަލްޖަޒީރާ)