ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޕޮލިސް ކޮމިޝާނަރު އަބްދުﷲ ރިޔާޒްގެ އިސްތިއުފާއަށް ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިމްތިޔާޒަށް ރައީސް ވަހީދު "އަރައިގެންފައި" ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށާއި އެމަނިކުފާނު މަޖިލީހުގެ މެންބަރުންނާ ބެހޭ ގޮތުން އެހެން ވާހަކަ ދެއްކިތާ މާގިނަ ދުވަހެއް ނުވެ، އަފްރާޝީމްގެ މަރުގެ ހާދިސާ ހިނގާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނަށް ފުލުހުންދެމުންދާ ސެކިއުރިޓީއާ މެދު ކަންބޮޑުވުން ފާޅުކޮށް، މަރުގެ ހަމަލާތައް ނުހުއްޓުވޭތީ ހޯމް މިނިސްޓަރާއި ކޮމިޝަރު އޮފް ޕޮލިސް ރިޔާޒް އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ.

"ކޮމިޝަނަރު އޮފް ޕޮލިސް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ވިދާޅުވި ދިވެހިރާއްޖޭގެ ކުށްވެރިން ފުލުހުންގެ މުއައްސަސާ ދެކެ ބިރުގަންނަ ތަނަކަށް ހަދާނަމޭ. ކާކުތޯ ބިރުގަތީ. އެފަހުން ފުލުހަކު މަރާލީ ގާނޫނީ ވަކީލަކު މަރާލީ އެފަހުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަރާލީ މާދަމާ މަރާލާނީ ވަޒީރެއް އަނެއް ދުވަހު މަރާލާނީ ރައީސުލްޖުމްހޫރިއްޔާ،" އަލްހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިރާއްޖޭގައި ހައްދު ފަހަނައަޅާފައިވާ ދީނީ މީހުން އެބަ ތިބި ކަމަށާއި އެ މީހުންގެ ފަރާތުން ޑރ. އަފްރާޝީމަށް އިންޒާރުތަކެއް އައިސްފައިވާ ކަމަށެވެ.

އަލްހާން ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ ކަރަށް "ވަޅި އާއި ކަންޖަރު"ގެ ނުރައްކާ އައުމުން، އާންމު ރައްޔިތުންނަށް އެކަމުގެ ނުރައްކާ މާ ބޮޑު ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް ރާއްކާތެރިކަން ދިނުމަށް ޓަކައި ކަމާ ބެހޭ މުއައްސަސާތަކުން މަސައްކަތް ނުކުރެވޭ ނަމަ އެ ވުޒާރާތަކުގެ އިސްވެރިން އިސްތިއުފާއަށް ގޮވާލި އެވެ.

ރައީސް ވަހީދާއި ހޯމް މިނިސްޓަރު ޑރ. ޖަމީލާއި ޕޮލިސް ކޮމިޝަނަރު އަބްދު ރިޔާޒްގެ އިސްތިއުފާއަށް އަލްހާން ގޮވާލައްވާފައިވާ އިރު ހޯމް މިނިސްޓަރު ޑރ. ޖަމީލު މިއަދު ވިދާޅުވީ ރާއްޖޭގައި އާންމުވާ މަރުގެ ހަމަލާތައް ހުއްޓުވުމަށްޓަކައި ހުރިހާ ރައްޔިތުން އަތާއި އަތް ގުޅާލަން ޖެހޭ ކަމަށެވެ.

އަދި ފުލުހުން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ބުނީ ޑރ. އަފްރާޝީމުގެ ސެކިއުރިޓީ ހުއްޓާލީ އެ މަނިކުފާން ސިކިއުރިޓީ ބޭނުންފުޅު ނޫން ކަމަށް ވިދާޅުވުމުން ކަމަށެވެ.