03 Oct 2012, 15:44
ދެ ފަހަރެއްގެ މަތީން ނުބޭއްވި ހުއްޓާލި އެފްއޭއެމުގެ އިންތިހާބު މިހާރަށްވުރެ މިނިވަން އިންޓަރިމް ކޮމިޓީއެއްގެ ބެލުމުގެ ދަށުން އަންނަ ޑިސެމްބަރު މަހު ބާއްވަން އެ އިދާރާއިން ނިންމައިފި އެވެ.
މި ގޮތަށް ނިންމީ ފީފާގެ އެދުމުގެ މަތީންނެވެ. އަދި އިންތިހާބަށް މިހާރަށްވުރެ މިނިވަން އިންޓަރިމް ކޮމިޓީއެއް ނެގުމަށް އިންތިހާބުގައި ވާދަ ކުރާ ދެ ފަރާތުން ވެސް ނަންތަކެއް ފޮނުވުމަށް ފީފާއިން ވަނީ އަންގައިފަ އެވެ. އެފްއޭއެމުން މިހާރުގެ ހިންގާ ކޮމިޓީއަށް ދީފައިވާ މުއްދަތު ހަމަވާނީ ޑިސެމްބަރުގެ ނިޔަލަށެވެ.
އެފްއޭއެމުގެ އިންތިހާބުގައި ވާދަ ކުރައްވަނީ މިހާރުގެ ރައީސް އަލީ އާޒިމާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި އޭނާއަށް ތާއީދު ކުރައްވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ.
މި އިންތިހާބު ދެ ފަހަރު ވެސް ލަސްވީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓުގެ މައްސަލާގަ އެވެ. އެކުލަބުގެ ރައީސް އާޒިމަށް ޕްރޮކްސީ ދީފައިވީ ނަމަވެސް ކުލަބުގެ ބޯޑުގެ ގިނަ މެމްބަރުން ތާއީދު ކުރަނީ އިލްހާމަށެވެ. ނަމަވެސް ޕްރޮކްސީ ބެދަލު ކުރެވޭނެ ގޮތެއް ނެތުމުން ބޯޑުން ވަނީ އިންތިހާބުގައި ވާދަ ނުކުރަން ނިންމައިފަ އެވެ. މިކަމާހެދި ފުރަތަމަ އިންތިހާބު ބާއްވަން އުޅުނު ދުވަހު އިންތިހާބު ހުއްޓުވީ އިލްހާމަށް ތާއީދު ކުރާ ފަރާތްތަކުންނެވެ. ދެ ވަނަ ދުވަހު އާޒިމްގެ ޓީމުންނެވެ.
އެފްއޭއެމް އިންތިހާބުގައި ވޯޓުލާނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމާއި ދެ ވަނަ ޑިވިޝަނުގެ ތިން ޓީމު އަދި ތިން ވަނަ ޑިވިޝަނުގެ ދެ ޓީމަކުންނެވެ. މީގެ ތެރެއިން ފުރަތަމަ ޑިވިޝަން ވަނީ ދެބަޔަކަށް ހަމަހަމަ އަށް ބެހިފަ އެވެ. ދެ ވަނަ ޑިވިޝަނުން ޔުނައިޓެޑް ވިކްޓަރީގެ ވޯޓުގައި މައްސަލަ ޖެހިފައިވާއިރު އަނެއް ދެ ޓީމު އޮތީ ދެ ފަޅީގަ އެވެ. ތިން ވަނަ ޑިވިޝަނުގެ ދެ ޓީމު ވެސް އޮތީ އާޒިމަށެވެ. މިހެންވެ 6-6 އިން އިލްހާމާއި އާޒިމް ހަމަހަމަވާއިރު އިންތިހާބު ކާމިޔާބުވާނީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓު ލިބޭ މީހަކަށެވެ.