ރައްޔިތުންގެ މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެންބަރު ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް އިއްޔެ ރޭގެ މެންދަމުގެ ވަގުތެއްގައި ހަވަހާރަކޮށްލުމާ ގުޅިގެން އެކަމުގެ ހިތާމާގާއި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު އަދި މާދަމާ ކުޅެން އޮތް މެޗްތައް ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ އިން ފަސް ކޮށްފި އެވެ.

އެފްއޭއެމް އިން ބުނީ، ދިވެހި ލީގުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗްތައް ދެން ފަށާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމާ ގުޅުގިން ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މައިދާރާ އިން ވަނީ އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުޓްބޯޅަ އާއިލާގެ އެންމެހާ ފަރާތްތަކުގެ ނަމުގައި އެ މަރްހޫމްގެ ލޮބުވެތި އާއިލާ އަށް ތައުޒިޔާ ދަންނަވާ ކަމަށް އިއްޔެ އެފްއޭއެމް އިން ނެރުނު ކުރު ބަޔާންގައި ބުނެފައިވެ އެވެ.

ލީގުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗް ކެންސަލް ކުރި އިރު، މިއަދު ހަވީރު 4:00 ޖަހާއިރު ކުޅުމަށް ހަމަޖެހިފައި ވަނީ ކުލަބް އީގަލްސްއާއި އޭވައިއެލް އެވެ. ނަމަވެސް މިމެޗް މިހާރު ކުޅޭ ގޮތަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރެވެ. އަދި ލީގުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗްތައް، މިހާރު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ ހޯމަ ދުވަހުގެ ރޭ އަވަހާރަކޮށްލާފައި އޮތީ އޭނާ ދިރިއުޅުއްވާ ހ. ފުންފިލް ގޭ ސިޑިކައިރީގަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަންހެނަކާއި ތިން ފިރިހެނުން ހައްޔަރުކޮށްފައެވެ. އަދި އެމައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.

އަފްރާސީމް ފަސްތާނުލީ އިއްޔެ އަސުރު ދަމާދަށް ފަހު އާސަހަރާގަ އެވެ.