ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހު އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ރައްޔިތުން މަޖިލީހުގައި މިއަދު ހުޅުވައިފި އެވެ.

ޑރ. އަފްރާޝީމްގެ ހަނދާނުގައި މިއަދު މެންދުރު ފަހު 2:45ގައި ހުޅުވާލި ތައުޒިޔާގެ ދަފްތަރުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ސޮއި ކުރައްވައި ތައުޒިޔާގެ ލިޔުންތައް ލިޔުއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ އެ ދަފްތަރުގައި ސޮއި ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އިން 6:00 އަށް އާންމުކޮށް ހުޅުވާފައި އޮންނާނެ ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މަރުހޫމްގެ މައްޗަށް ހެޔޮ ދުޢާ ކުރުމަށް ވަގުތު ކޮޅެއް ހޭދަކޮށްފައިވާ އިރު ޑރ. އަފްރާޝީމްގެ ޒިކްރާ އާ ކުރުން ވެސް މިއަދުގެ ޖަލްސާގައި އޮތެވެ.