ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އުސްފަސްގަނޑު ބަލައި ފާސް ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ ހަސަން ހަނީފް މިއަދު ވިދާޅުވީ އުސްފަސްގަނޑު ބަލައި ފާސްކުރަނީ ފުލުހުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ކަމަށެވެ.

ނަމަވެސް އުސްފަސްގަނޑު ފުލުހުން ބަލަނީ ޑރ. އަފްރާޝީމުގެ މަރާ ގުޅިގެން ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ބުނެ އެވެ.

ނަމަވެސް އުސްފަސްގަނޑު ބަލަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ހަނީފް ވިދާޅެއްނުވެ އެވެ. އަދި އެތަނުން އެއްވެސް އެއްޗެއް ފެނުނު ކަމެއް ވެސް ހަނީފް ވިދާޅެއްނުވެ އެވެ.

އުސްފަސްގަނޑު ބަލައި ފާސްކުރަން ފުލުހުން އެ ސަރަހައްދަށް މިއަދު މެންދުރުދިޔަ އިރު، އިއްޔެރޭ ދަންވަރު ތޫނު އެއްޗަކުން ހަމަލަދީ އަވަހާރަކޮށްލި ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން އަންނަނީ މާލެ ތެރެ ހާއްސަ ގޮތެއްގައި ޕެޓްރޯލްކޮށް އެ ސަރަހައްދު ބަލައި ފާސްކުރަމުންނެވެ. އަދި އެ މައްސަލައާ ގުޅިގެން ތުހުމަތުގައި ތިން ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށްފައިވާ ކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އެމްޑީޕީން ކޭމްޕް ޖަހައިގެން ސިޔާސީ ހަރަކާތްތައް ހިންގާ އުސްފަސްގަނޑަށް ފުލުހުން މީގެ ކުރިން އަރައި ވަނީ އެތަން ރޫޅާލުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ. ނަމަވެސް އެމްޑީޕީން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން، ކޯޓު އަމުރާ އެކު ފުލުހުން ވަނީ އެ މަސައްކަތް ހުއްޓާލައިފަ އެވެ.