ރިސޯޓްތަކުގެ މުއްދަތު 50 އަހަރަށް އިތުރުކުރެވޭ ގޮތަށް ކަނޑައަޅުއްވައި ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ފަހުކޮޅު ފާސްކުރެއްވި "ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ތަޞްދީޤު ކުރައްވައިފި އެވެ. އަދި ތަޞްދީޤު ކުރެއްވުމާ ގުޅިގެން، އެ ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިޢު ކުރައްވައިފި އެވެ.


އެ ގާނޫނުގައިވާ ގޮތުން ރިސޯޓެއް ހެދުމަށް ބިންބިން ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ހިފާ ފަރާތަށް ރަށް ނުވަތަ ބިން ޙަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން މީލާދީ 50 )ފަންސާސް) އަހަރުދުވަހަށެވެ. އަދި މި ޤާނޫނު ފާސްވެ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާއިރު، ކުއްޔަށް ދޫކޮށްފައިވާ ރަށެއްގެ ނުވަތަ ބިމެއްގެ ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ހިފާފައިވާ ފަރާތުން ޓޫރިޒަމާބެހޭ މިނިސްޓްރީގައި އެދިއްޖެ ނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100,000 (އެއްލައްކަ) އެމެރިކާ ޑޮލަރުގެ ފީއެއް ނެގުމަށްފަހު މުއްދަތު އިތުރުކޮށްދޭންވާނެ ކަމަށް ގާނޫނުގައިވެ އެވެ.
މި ޤާނޫނަށް ގެންނެވި އިޞްލާޙުގައިވާ ގޮތުން، މި ޤާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސެއް ހެދުމަށް ކުއްޔަށް ދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދައްކާނީ މި މާއްދާގައިވާ ގޮތުގެމަތިންނެވެ.
(ހ) 200،000 (ދެލައްކަ) އަކަމީޓަރަށްވުރެ ބިމުގެ އޭރިޔާ ކުޑަ ބިމަކުން ނަގާ ކުލި 1,000,000 (އެއްމިލިއަން) އެމެރިކާ ޑޮލަރަށްވުރެ ބޮޑުވާނަމަ، އެ ބިމެއްގެ ކުލިކަމުގައި ކަނޑައަޅާނީ މީލާދީ އަހަރަކަށް 1,000,000 (އެއްމިލިއަން) އެމެރިކާ ޑޮލަރެވެ. 1,000,000 (އެއްމިލިއަން) އެމެރިކާ ޑޮލަރަށްވުރެ އެ ބިމުގެ ކުލި ކުޑަނަމަ، އެ ބިމެއްގެ ކުލި މީލާދީ އަހަރަކަށް ކަނޑައަޅާނީ އެ ބިމުގެ ކޮންމެ އަކަމީޓަރަކަށް 8 (އަށެއް) އެމެރިކާ ޑޮލަރުން ހިސާބުކުރުމުން ޖެހޭ ޢަދަދެވެ.
(ށ) 200،001 (ދެލައްކަ އެކެއް) އަކަމީޓަރާއި 400,000 (ހަތަރުލައްކަ) އަކަމީޓަރާ ހަމައަށް ބިމަކުން ނެގޭ ކުއްޔަކީ މީލާދީ އަހަރަކަށް 1,500,000 (ދޮޅުމިލިއަން) އެމެރިކާ ޑޮލަރެވެ.
(ނ) 400،001 (ހަތަރުލައްކަ އެކެއް) އަކަމީޓަރަށްވުރެ ބޮޑު ބިމަކުން ނެގޭ ކުލި 2,000,000 (ދެމިލިއަން) އެމެރިކާ ޑޮލަރަށްވުރެ ބޮޑުވާނަމަ، އެ ބިމެއްގެ ކުލިކަމުގައި ބަލާނީ މީލާދީ އަހަރަކަށް 2,000,000 (ދެމިލިއަން) އެމެރިކާ ޑޮލަރެވެ.
މި ޤާނޫނަށް ގެންނެވި މި އިޞްލާޙުތަކުގައިވާ ގޮތުން، މި ޤާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކުރާ ރަށްރަށާއި
މި ޤާނޫނު ފާސްވެ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާއިރު ހިންގަމުންދާ ރަށްރަށް ނުވަތަ ބިންބިމުގެ މުއްދަތު އިތުރުކުރުމަށް އެ ރަށް ނުވަތަ އެ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ބޭނުންވެއްޖެނަމަ، މީލާދީ 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކޮށް ނިންމަންވާނޭ ކަމަށާއި، މި ޤާނޫނު ފާސްވެ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާއިރު ހިންގަންފެށިފައި ނުވާ ރަށްރަށް ނުވަތަ ބިންބިމުގެ މުއްދަތު އިތުރުކުރުމަށް އެ ރަށް ނުވަތަ އެ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ބޭނުންވެއްޖެނަމަ، މީލާދީ 36 (ތިރީސްހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކޮށް ނިންމަންވާނޭ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
ޓޫރިސްޓް ރިޒޯޓް ހެދުމަށް މިހާރު ދޫކޮށްފައިވާ ރަށްރަށާއި ނުވަތަ ބިންބިން ދޫކޮށްފައިވާ ފަރާތްތަކާއި ނުވަތަ ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށަކަށް ނުވަތަ ބިމަކަށް އެދޭ ފަރާތަކީ ޕަބްލިކް ކުންފުންޏެއް ނަމަ، އެ ރަށެއް ނުވަތަ އެ ބިމެއް 99 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޭންވާނޭ ކަމަށްވެސް މި ޤާނޫނުގައި ބުނެފައިވެ އެވެ.