10 Mar 2010, 11:02
14:30
ޕާޓީތަކުގެ މެންބަރުނަން ނޭނގި އެހެން ޕާޓީތަކުގައި ރަޖިސްޓްރީކުރާ މައްސަލަ ހައްލުކުރުމަށްޓަކައި ޕާޓީތަކަށް ވަނުމަށް ހާއްސަ ފޯމެއް ތައްޔާރުކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވެއްޖެ އެވެ.
އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ވަނުމަށް ހާއްސަ ފޯމެއް ތައްޔާރުކުރުމަށް އެ ކޮމިޝަނުން ނިންމީ ސީޔާސީ ޕާޓީތަކާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު، ޕާޓީތަކުގެ މެންބަރުނަށް ނޭނގި އެހެން ޕާޓީތަކުގައި ރަޖިސްޓްރީކުރާ މައްސަލައާ މެދު މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވާތީވެ އެކަންތައްތައް ހައްލުކުރުމަށް ކަމަށެވެ. ފުއާދު އަދި ވިދާޅުވީ މިހާރު ޕާޓީތަކަށް ވަންނުމަށް ހުށަހަޅާ ފޯމްތަކަކީ އެމީހެއްގެ ފުރިހަމަ މައުލޫމާތާއި އެއީ އެމީހަކު އެޕާޓީއަކަށް ވަނުމަށް ބޭނުންވެގެން ފުރާފައިވާ ސައްހަ ފޯމެއްކަން ޔަގީންކޮށްދޭ ފުރިހަމަ ހެކިވެސް އެކަށީގެންވާ ވަރަށް ހިމަނާފައިނުވާ ފޯމްތައް ކަމަށެވެ.
ފުއާދު އިތުރަށް ވިދާޅުވީ ކޮމިޝަނުން ތައްޔާރުކުރަން ފަށާފައިވާ ފޯތަކުގެ މައުލޫމާތު ޕާޓީތަކަށް ދީފައިވާ ކަމަށާއި ޕާޓީތަކަށް ވަންނަން އެދޭ މީހުން އެ ފޯމްތަކުގައި އެ މީހެއްގެ އިގިނލީގެ ނިޝާނާއި ހެކިވެރިންގެ ގޮތުގައި ދެ މީހެއްގެ ނަން ހިމަނަންޖެހޭނެ ކަމަށެވެ. ނަމަވެސް އިގިނލީގެ ނިޝާނުން އެމީހެއް ދެނެގަތުމަށްޓަކައި އެ ކޮމިޝަނަސް ބޭނުންވާ މެޝިނަރީޒް ހޯދަމުންދާ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅުމުން ފުލުހުންގެ އިދާރާއާއި ސަރުކާރުގެ މުއައްސަސާތަކާއި އެފަދަ ނިޒާމެއްގެ ބޭނުންކޮށްގެން މައްސަލަތައް ބަލަމުންދާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.