ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ޝަހީދު ހުސެއިން އާދަމް ބިލްޑިންގްގެ ބޭރުގައި މިއަދު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ސުޕެޝަލިސްޓް ކްރައިމް ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ހަސަން ހަބީބު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް، ތުހުމަތުކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ އިރު އެމީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ތިން ފިރިހެނުން ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މައްސަލައިގެ ތަހުގީގަށް އެއްވެސް ކަހަލަ ހުރަހެއް އެޅިދާނެތީ ހައްޔަރުކޮށްފައިވާ މީހުންނާ ބެހޭ އެއްވެސް ތަފްސީލެއް ދެއްވެން ނެތް ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

އަފްރާޝީމް އަވަހަރާކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނަކު ހިމެނޭ ކަމަށް ފުލުހުން ބުނެފައިވާ އިރު ބައެއް ސޯޝަލް ނެޓްވޯކްތަކުގައި އެމްޑީޕީގެ ބައެއް ފަރާތްތަކުން ބުނެފައި ވަނީ އެ މައްސަލައިގެ ތުހުމަތުގައި އެ ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އަންހެނަކު ރޭ ކާނިވާގެ ޑޮލްފިން ކެފޭގެ ތެރޭގައި އިންދައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ދޫކޮށްލުމަށް ވެސް ބައެއް ސޯޝަލް ނެޓްވޯކްތަކުގައި ވަނީ ގޮވައިލައިފަ އެވެ.

ހަބީބު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ފުުލުހުން ކުރިއަށް ގެންދަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށާއި ތަހުގީގު ނިމުމުން މައްސަަލައިގެ ތަފްސީލް ދެއްވަނެ ކަމަށެވެ.

"އަޅުގަނޑުމެން މިމައްސަލަ ކުރިއަށް މިގެންދަނީ އެއްވެސް ސިޔާސީ ޕާޓީއަކަށް ބަލައިގެންނެއް ނޫން. އަޅުގަނޑުމެންގެ ތަހުގީގު މިގެންދަނީ ވަރަށް ޕްރޮފެޝަނަލްކޮށް، އެހެންވެ މައްސަލައިގެ ތަހުގީގަށް އެއްވެސް ކަހަލަ ހުރަހެއް އެޅިދާނެތީ އަދި ނެތް އެކަމުގެ ތަފްސީލެއް ދެވޭކަށް،" ހަބީބު ވިދާޅުވި އެވެ.

އަފްރާޝީމު އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އާއްމުންގެ އެއްބާރުލުން ދިނުމަށާއި އަފްރާޝީމްގެ ކާރުކޮޅު މި މަހުގެ އެއް ވަނަ ދުވަހުގެ ރޭ 10:50 އާއި 1 ޖެހުމާ ދޭތެރޭގައި މާލޭގެ އެއްވެސް ސަރަހައްދުން ފެނިފައިވާ ފަރާތެއްވާ ނަމަ އެ މައުލޫމާތެއް ފުލުހުންނަށް ދިނުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.