03 Oct 2012, 14:17
ބޮޑެތި އަދަބުތަކާއެކު ޖިންސީ ކުށުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ބޮޑެތި އަދަބުތަކެއް ހިމަނައިގެން ޖިންސީ ކުށުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ، މި ބިލަކީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއަށް ރޭޕްކުރުމުގެ ކުށް ގެނައުން ކަމަށާއި ޖިންސީ އަނިޔާ އެއީ ވަކި ކުށެއްގެ ގޮތުގައި ގެނަސް ޖިންސީ ގޯނާ އެއީ ވަކި ކުށެއްގެ ގޮތުގައި ގެނައުން ކަމަށެވެ.
"ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ވާހަކަ ވެސް ކޮންމެސް ވަރަކަށް އަޅުގަނޑުމެންގެ މަފްހޫމް ތަކުގެ ތެރެއަށް ގެނައުން. މަހުރަމުންނާއެކު ޖިންސީ އަމަލު ހިންގުން. ޖަނަވާރުންނާއެކު ޖިންސީ އަމަލު ހިންގުން. އެއްޖިންސުން ޖިންސީ އަމަލު ހިންގުން. މައްޔިތުންނާއެކު ހިންގުން. ނުކުޅެދުންތެރިކަންހުރި މީހުންނާއެކު ހިންގުން. ހަށިވިއްކުން މިކަހަލަ ވަކިވަކި ކަހަލަ ކަންކަން ކުށްކުށަށްހެދުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މި ބިލުގެ ބޭނުމަކީ އާ ކުށްތައް އުފަން ކުރުމާއެކު މިހާރުހުރި ކުށްތަކަށް ބަދަލު ގެނެސް އަދަބުތަކެއް ކަނޑައެޅުން ކަމަށެވެ.
އާއިލާއަކީ ކޮބައިކަމާއި މީހަކުދޭ ރުހުމާއި ރުހުމަށްނުވާ ހާލަތްތަކަކީ ކޮބައިކަން މި ގާނޫނުގައި ބަޔާންކޮށްފައިވާނެ ކަމަށާއި ޖިންސީ އަމަލުގެ ޝިކާރައަކަށްވާ މީހުންނަށް ފަރުވާ ލިބިދޭނެ ނިޒާމު ތަކާއި ބަދަލު ލިބޭނެ ނިޒާމް ފުރަތަމަ ފަހަރަށް މި ބިލުގެ ތެރެއިން ތައާރަފްކޮށްދެވޭތޯ މަސައްކަތްކޮށްފައިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ކުށުގެ އެ ބާވަތުގެ އަމަލުތައް ހިންގާ މީހުންނަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި އެމީހުންގެ ނަންތައް އާއްމުކޮށް ދަފްތަރުކޮށް އެ އެންމެންނަކީ ކޮންބައެއްކަން އެގޭގޮތް ހެދުމުގެ އުސޫލުތަކެއް ތައާރަފްކޮށްފައިވާނެ. އެ ކަންކަމުގެ ޝިކާރައަކަށްވާމީހުން ރައްކާތެރިކޮށްދީ އެމީހުން އަނބުރާ ގަދަރުވެރި ގޮތެއްގައި މުޖުތަމައަށް އާދެވޭނެގޮތް ހަދައިދީ އެމީހުން ރައްކާތެރިކޮށްދިނުމުގެ އުސޫލުތައްވެސް މި ބިލުގައި ހިމެނޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ހުށަހެޅުއްވި ބިލުގައި، ރޭޕް ކުރުމާއި ނަހަމަ ގޮތުގައި ޖިންސީ އެކި އެކި ވިޔަފާރިތައް ކުރުމާއި ޖިންސީ ގޯނާ ކުރުމާއި އޮރިޔާންކާޑު އުފެއްދުމާއި ހަށި ވިއްކުމާއި ބިރު ދެއްކުމާއި ބްލެކްމެއިލް ކުރުންފަދަ ކުށްތައް ތަފްސީލްކޮށް ބަޔާން ކުރައްވައި އެކި ކުށްތަކަށް ތިން އަހަރާއި ފަންސަވީސް އަހަރާ ދެމެދުގެ ޖަލަށް ލުމުގެ އަދަބުތައް ވަނީ ކަނޑައަޅައިފަ އެވެ.
ނަޝީދު ވިދާޅުވީ "އަޅުގަނޑޫމެންގެ ރާއްޖޭގައި އެތައް އަހަރެއްކުރިން ޝަރީއަތާބެހޭ ގަވާއިދުގައި އެކަންކަން ހިމެނިފަހުން މިވީހާ ދުވަހުގެ ތެރޭގައި މިކުށްތައް އަޅުގަނޑުމެންގެ ތެރޭގައި ކުރާ ގޮތާއި ސްޓައިލާ ވައްޓަފާޅި އާއި ބާވަތާއި އަމަލު ތަކުގެ ތަކުރާރު ވުމާއި ހުރިހާކަމެއް ވަނީ އޮބި ނޯންވަރަށް ގިނަވެގެންގޮސްފަ" ކަމަށެވެ.
އެހެންކަމުން މި ބިލުގެ ބޭނުމަކީ ޒަމާނާ އެއްގޮތަށް އެ ކަންކަމަށް ހައްލެއް ގެނައުމަށްޓަކައި އާ ކުށްތަކެއް ރާއްޖެއަށް ތައާރަފްކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.