03 Oct 2012, 14:12
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ ޝަރީއަތަށް ރައީސް މުހަންމަދު ނަޝީދު ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ނަޝީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް ނެރުނު އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން މިއަދު ފަށާނެ ކަން ސަން އޮންލައިނަށް ކަށަވަރުވެއްޖެ އެވެ.
ކަށަވަރުވެފައިވާ ގޮތުގައި މިއަދު ހަވީރު 4:00 ޖަހާއިރު ފުލުހުންގެ ހާއްސަ ޓީމެއް މާލެއިން ފުލުސް ލޯންޗެއްގައި ރައީސް ނަޝީދު ބަލައި ދެނކުނުގެ އަތޮޅުތަކަށް ފުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެމްޑީޕީން ކުރިއަށްގެންދާ "ވައުދުގެ ދަތުރު"ގައި މިދިޔަ ހޯމަ ދުވަހު ރައީސް ނަޝީދު ފުރާވަޑައިގެންފާވާއިރު އެމަނިކުފާނު މިއަދު ހެނދުނު ވަނީ ގއ. ކުއްޑޫއަށް ވަޑައިގެންފަ އެވެ. މިއަދު މެންދުރު ރައީސް ނަޝީދު ގއ. މާމެންދޫއަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ނަޝީދު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން މިއަދު ފަށާއިރު އެ އޮޕަރޭޝަންގައި އަމަލުކުރާނެ ގޮތެއް ސާފުކުރުމަށް ފުލުހުންގެ މީޑިއާ އޮފިޝަލާ ގުޅާލުމުން އޭނާ ވިދާޅުވީ އެކަމާ ގުޅޭގޮތުން އަދި ކޮމެންޓެއް ނެތް ކަމަށެވެ.
ހުޅުމާލޭ ކޯޓުން އިއްޔެ ފުލުހުންގެ މައްޗަށް ކުރި އަމުރުގައި ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހު ޝަރީއަތުގެ މަޖިލީހަށް ސަބަބެއް ބަޔާން ކުރުމެއްނެތި ރައީސް ނަޝީދު ހާޒިރުވެ ވަޑައިގެންފައި ނުވާތީ "ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު"ގެ ފަސްވަނަ މާއްދާގެ (ށ)ގެ ދަށުން އަންނަ އާދިއްތަ ދުވަހުގެ 4:00 ޖަހާއިރަށް ކޯޓަށް ނަޝީދު ހާޒިރުކުރުމަށް އަމުރުކުރާ ކަމަށެވެ.
ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގައި ބުނަނީ ޗިޓު ރައްދުވެ މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވެއްޖެނަމަ އެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ނުވަތަ ޑީޕީއާރުއެސްގެ ބެލުމުގައި ދަށުން ކޯޓަށް ހާޒިރުކުރަން ވާނެ ކަމަށެވެ.
އަބްދުﷲ ގާޒީގެ މައްސަލައިގައި ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާ އަކީ ގާނޫނާ ޚިލާފު ގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.
ގާނޫނުލް އުގޫބާތުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން، ނުވަތަ 2000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ.
އެ މައްސަލަ ރައީސް ނަޝީދުގެ މައްޗަށް ސާބިތުވެއްޖެ ނަމަ އަންނަ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ.