"ޕްރިޕެއިޑް ޕްލަސް" ގެ ނަމުގައި ލޯކަލް ކޯލްތަކަށް 10 މިނެޓް ހޭދަކޮށްގެން އެ ދުވަހު އެއްކޮށް 49 ލާރިއަށް ގުޅާލެވޭ ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފި އެވެ.

ޕެކޭޖް ތައާރަފްކުރުމުގެ ގޮތުން މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިއަދު ތައާރަފް ކުރި ޕްލޭންގެ ދަށުން ދިރާގުގެ 350000 ކަސްޓަމަރުނަށް 50 ޕަސެންޓް ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

"ކަސްޓަމަރުންގެ އާންމުކޮށް ބޭނުންކުރާ ވަގުތުގެ ތެރެއިން އެ ބޭފުޅުނަށް އެއިގެން އެންމެ ފައިދާ ވާނެގޮތަކަށް އަޅުގަނޑުމެންގެ ޕްލޭން މިހުންނަނީ ބައްޓަންކުރެވިފައި، އެގޮތުން މިއަދު ތައާރަފްކުރެވޭ ޕްލޭނަކީވެސް ވަރަށް ގިނަ ކަސްޓަމަރުންގެ މަގުބޫލްކަން ލިބިގެންދާނެ ކަން އަޅުގަނޑުމެނަށް އިނގޭ، އެއީ މިޕްލޭން ޑިޒައިން ކުރިއިރުވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ކަސްޓަމަރުނަށް އެންމެ ކަމުދަނީ ކޮންކަހަލަ ޕުލޭންނެއްތޯ ބަލާފަ މިޕްލޭން ތައާރަފް މިކުރީ" މިރުޝާން ވިދާޅުވި އެވެ.

އެބައްދަލުވުމުގައި ދިރާގުގެ ޕްރޮޑަކްޓް މެނޭޖާ މޯބައިލް މަރިޔަމް ޝީޒްލީން ވިދާޅުވީ އެ ޕެކޭޖްއިން ރާއްޖެއަށް ކުރާ ކޯލަކަށް 10 މިނެޓް ހޭދަކުރުމުން އެދުވަހު އެއްކޮށް ދިރާގުގެ ނަމްބަރުތަކަށް ޗާޖް ކުރާނީ 49 ލާރި ކަމަށެވެ. އަދި ވިދާޅުވީ އެ ޕެކޭޖް އެކްޓިވޭޓް ކުރުމަށް PKG(SPACE) PLUS ޖެހުމަށް ފަހު 444 އަށް އެސްއެމްއެސް ކުރުމުން އިތުރު ޗާޖަކާނުލާ އެޕްލޭން ލިބިގެންދާނެ ކަމަށެވެ. އެ ޕްލޭންގައި ވަކި ލިމިޓެއް ކަޑައެޅިފައި ނުވެ އެވެ.

ރާއްޖޭގެ އެންމެ ގިނަބަޔަކު ބޭނުންކުރަމުންދާ ނެޓްވޯކް ދިރާގުން އާ ޕްލޭނެއް ތައާރަފްކޮށްފައިވައިރު އެކުންފުނިން މިހާރުވެސް ވަނީ ހެޔޮ އަގުގައި ގުޅާލެވޭ ޕްލޭންތަކެއް ތައާރަފްކޮށްފަ އެވެ.