ސައުދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
ސައުދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ސައުދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން އިންތިޒާމުކޮށްގެން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ކުރުނބާ ރިސޯޓުގައި އޮތް މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ދިވެހި ދަޢުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓިކް މިޝަންތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަފްލާގެ ތެރެއިން ސައުދީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ކޭކެއް ފެޅުންވެސް އޮތެވެ.

މި ޙަފްލާގައި ވާހަކަދައްކަވަމުން ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ޙަސަން އަލް ޤަހްތާނީ ވިދާޅުވީ، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރު އައު އުސްމިންތަކަކަށް ގެންދިއުމަށް ސައުދީ ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ. އަދި މިއަހަރުގެ ސައުދީ ޤައުމީ ދުވަސް ފާހަގަކުރަމުން ދަނީ "އަވާ ޕްރައިޑް އިޒް އަވާ ނޭޗާ" މި ޝިޢާރުގެ ދަށުންކަން ފާހަގަކުރައްވައި، މަރުޙޫމް ކިންގް ޢަބްދުލްޢަޒީޒް ބިން ޢަބްދުއްރަޙްމާން އަލް ސަޢޫދު ޤައުމު އެއްބައިވަންތަކުރެއްވި ތާރީޚީ ޚިދުމަތް ސަފީރު ފަޚުރުވެރިކަމާއެކު ހަނދާންކުރެއްވިއެވެ.

ހަމައެއާއެކު، ޚާދިމުލް ޙަރަމައިނިއް ޝަރީފައިނި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަދި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ޙިކުމަތްތެރި ލީޑަރޝިޕާއި، "ސައުދީ ވިޜަން 2030" ގެ ދަށުން ސައުދީ އަރަބިއްޔާގެ އިޤްތިޞާދު ސިންދަފާތުކޮށް ތަރައްޤީގެ އައު އުސްމިންތަކަށް ވާސިލުވަމުންދާ ކަން ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ޙަސަން އަލް ޤަހްތާނީ -- ފޮޓޯ: ރައީސް އޮފީސް

ދެ ޤައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ރާއްޖެއާއި ސައުދީއާ ދެމެދު އޮތީ އިސްލާމީ އުޚުއްވަތްތެރިކަމާއި، އިތުބާރާއި، އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް، 2025 ވަނަ އަހަރުގެ ޖޫން މަހު ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ރަސްމީ ބައްދަލުވުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ސައުދީ އަރަބިއްޔާ ދެމިއޮތްކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، 1978 ވަނަ އަހަރުން ފެށިގެން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) މެދުވެރިކޮށް ރާއްޖޭގެ ދަތުރުފަތުރާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، މަސްވެރިކަން އަދި އުމްރާނީ ތަރައްޤީގެ ދާއިރާތަކަށް ގާތްގަނޑަކަށް 488 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެއިތުރުން، އިޤްތިޞާދީ އަދި އިންވެސްޓްމަންޓް ދާއިރާއިން ދާދިފަހުން ސައުދީގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް، ބޭއްވުނު "މޯލްޑިވްސް-ސައުދީ އިންވެސްޓްމަންޓް ފޯރަމް" ގެ ސަބަބުން ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، ވިޔަފާރި އަދި ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި އިންވެސްޓްމަންޓްތަކަކަށް މަގުފަހިވެފައިވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ދިފާޢީ އަދި ސަލާމަތީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން އަދި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކަށް ސަފީރު މަރުޙަބާ ވިދާޅުވިއެވެ. އަދި ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" (އެމްއެމްޑީސީ) ގެ ބާނީ މެންބަރެއްގެ ގޮތުގައި ރާއްޖެއިން ބައިވެރިވުމާއި، ސައުދީން އިސްނަގައިގެން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން" ގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރު ސަފީރު ވަނީ ވަރަށް ބޮޑަށް އަގުވަޒަންކުރައްވާފައެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ސަފީރު ވަނީ މި ޙަފްލާ ޝަރަފުވެރިކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޝުކުރު އަދާކުރައްވައި، ދެ ޤައުމުގެ އެކުވެރިކަމާއި ސުލްޙަމަސަލަސްކަމަށް އެދިވަޑައިގެން ހެޔޮ ދުޢާ ކުރައްވާފައެވެ.