ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ އަނިޔާވެރި މަރާ އެކު، ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަށް ނުރައްކަލުގެ "ތުރެޓް" އޮތް މިންވަރު ބެލުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ހާޒިރު ކުރުމަށް ނިންމައިފި އެވެ.

މިއަދު ބޭއްވި 241 ކޮމެޓީގެ ބައްދަލުވުމުގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިންނަށް ފުލުހުން ސެކިއުރިޓީ ދެމުންދާ ގޮތް ބެލުމާ މެދު މަޝްވަރާ ކުރި އެވެ. ކޮމެޓީގައި އެންމެ ބޮޑަށް ވާހަކަ ދެއްކީ މަޖިލީހުގެ މެންބަރުންނަށް ފުލުހުން ސެކިއުރިޓީ ދެމުންދާ ގޮތާ ބެހޭ ގޮތުންނެވެ. އަދި މިދިޔަ ހޯމަ ދުވަހުގެ ރޭ ރަހުމް ކުޑަގޮތަކަށް މަރާލި އަފްރާޝީމް އަށް ސެކިއުރިޓީއާ ދެއްވި ގޮތް ބެލުމަށް ވެސް ނިންމި އެވެ.

ކޮމެޓީގައި ދެއްކި ވާހަކަތަކުގައި ފުލުހުން ދެމުންދާ ސެކިއުރިޓީއާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ގިނަ މެންބަރުން ވަނީ ފުލުހުން ދެމުންދާ ސެކިއުރިޓީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެ މެންބަރުންނަށް ބޮޑީގާޑުން ހަމަޖައްސާފައިވާ ދަނޑިވަޅުތަކުގައި ދިމާވާ ނުރައްކާތަކުން ސަލާމަތް ކުރުމަށް ފުލުހުންނަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް ވެސް މެންބަރުން ވަނީ ފާހަގަކޮށްފަ އެވެ.

ޖުޑީޝަރީގައި މަސައްކަތް ކުރާ މީހުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި ސިޔާސީ ފަރާތްތަކަށް އާންމު ދިރިއުޅުމުގައި ދިމާވަމުންދާ ނުރައްކާތަކާ ބެހޭ ގޮތުން ވެސް ކޮމެޓީގައި ވާހަކަދެކެވުނެވެ.

ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވީ މެންބަރުންނަށް އާންމު ރައްކާތެރިކަން އޮތްވަރު ފުލުހުންގެ މުއައްސަސާއިން "މިން ކުރާ ގޮތް" ބަލަން ޖެހޭ ކަމަށެވެ. އަދި މެންބަރުންނަށް ދެމުންދާ ސެކިއުރިޓީއާ މެދު ކަންބޮޑުވާ އިރު، ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭފުޅުންނަށް އޮތް "ތުރެޓް އެސެސް" ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ފުލުހުން ކޮމެޓީ އަށް ހާޒިރުކޮށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވެން ޖެހޭނެ ކަމަށް ޔާމިން ވިދާޅުވި އެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން ކޮމެޓީއަށް ހާޒިރު ކުރުމަށް ޔާމީން ހުށަހެޅުއްވި އެވެ.

ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މަޖިލިސް މެންބަރުންނަށް ނުރައްކާ އަންނަ ދިމާތަކެއްވާ ކަމަށެވެ. އެ ގޮތުން އޭނާ ފާހަގަ ކުރެއްވީ މަޖިލިސް މެންބަރުން ދެކެ ރުޅި އަންނަ ބަޔަކު އެބަތިބި ކަމަށާއި އެކަން އެގޮތަށް ދިމާވެފައި ވަނީ މީޑިއާތަކުން މަޖިލިސް ބަދުނާމުކޮށް ދައްކާ ވާހަކަތަކާ ގުޅިގެން ކަމަށެވެ. އަދި ޒިންމާދާރު ނޫން ގޮތުގައި ފަތުރާ ހަބަރުތަކުން މެންބަރުން ކަންބޮޑުވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މީޑިއާތައް ޒިންމާދާރު ކުރުވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވުމަށް ފަހު އޭނާ ހުށަހެޅުއްވީ މީޑިއާތައް ރެގިއުލޭޓް ކުރާ ފަރާތެއް ކޮމެޓީ އަށް ހާޒިރު ކުރުމަށެވެ. ކޮމެޓީން ހުށަހެޅުއްވި ގޮތަށް ފާސްވެގެން ދިޔައީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން ކޮމެޓީ އަށް ހާޒިރުކޮށް އެކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވުމަށެވެ.

ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަން މާދަމާ ކޮމެޓީ އަށް ހާޒިރު ކުރުމަށް ކޮމެޓީގެ ރިޔާސަތުގައި މިއަދު އިންނެވި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ފުރުސަތު ހުޅުވާލުމުން ހަތް ބޭފުޅުން ވޯޓް ދެއްވީ އެ ދެ މުއައްސަސާގެ ވެރިން ކޮމެޓީއަށް ހާޒިރު ކުރުމަށެވެ. ނަމަވެސް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އެ ބޭފުޅުން ހާޒިރު ކުރުމަށް ވޯޓެއް ނުދެއްވަ އެވެ.