03 Oct 2012, 13:12
މަންމަ އާއި ކޮއްކޮ އަށް އަނިޔާ ކުރި މީހަކު ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުގައި ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ގ. ނިކަ، މުހައްމަދު ނާސިހު މޫސާގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ 8:30 އެހާކަންހާއިރު ނާސިހުއާ އޭނާގެ މަންމަ އާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ނާސިހު އޭނާގެ މަންމަ ކޮށްޕާލުމުން ގޭތެރޭގައި ހުރި ރެކެއްގައި ޖެހި އޭނާގެ މަންމަގެ ވައަތުފައިގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާ ކަމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ ހުކުމްގައި ބުނަނީ އޭނާގެ މަންމަ ކޮއްޕާލުމުގެ އިތުރުން އޭނާގެ އެއްބަނޑު ކޮއްކޮގެ ގައިގައި ގޮނޑިއަކުން ޖަހާފައިވާކަން ވެސް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
"މީހެއްްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުން މުހައްމަދު ނާސިހު މޫސާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިއީ މީނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށްވާތީ، މިކުށުގެ އިގޫބާތެއްގެ ގޮތުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުުން މަނާކުރުމުގެ ގާނޫނު ގެ ދެވަނަ މާއްދާގެ (ހ) އާއި (ނ) އާއި ހަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން މާލެ، ގ. ނިކަ މުހައްމަދު ނާސިހު މޫސާ ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށް މި ގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.