03 Oct 2012, 12:54
މަސްތުވާތަކެތީގެ ދެ މައްސަލައަކާ ގުޅިގެން އުމުރުން 17 އަހަރުގެ ކުއްޖަކާއި އިތުރު ދެ މީހަކު ދެ ރަށަކުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 17 އަހަރުގެ ކުއްޖާ ހައްޔަރުކުރީ އދ. މާމިގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު މާލެ އިން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ ލޯންޗުން ފޭބިވަގުތު އެވެ.
އަދި އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ތިން ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އިތުރު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ހުސް ރަބަރު ޕެކެޓްތަކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެތަކެތި ފެނިފައި ވަނީ އޭނާ ގެންގުޅުނު ދަބަހެއްގެ ތެރެއިން ކަމަށެވެ.
އެ މައްސަލައިގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓްތަކަކާ އެކު ދެ މީހަކު ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 45 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެކެވެ.
އެ ދެ މީހުންގެ ތެރެއިން 45 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު 11:25 ހާކަންހާ އިރު އައްޑޫ ސިޓީން ފުވައްމުލަކަށް ދިޔަ ލޯންޗަކުން ފުވައްމުލަކަށް ފޭބިވަގުތު ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ ގެންދިޔަ ދަބަސް ބަލައިފާސްކުރި އިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ދެ ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އަދި އެނާއާ އެކު ހައްޔަރުކުރި 35 އަހަރުގެ މީހާއަކީ ވެސް ހަމަ އެ ލޯންޗުން ފުވައްމުލަކަށް ދިޔަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ ފުލުހުންގެ ހައްޔަރުގައި ޕޮލިސް ސްޓޭޝަނަށް ގެންދިޔުމުން އޭނާ ގެންގުޅުނު ޓޭޕްއޮޅާފައި އޮތް އެއްޗެއް އެއްލާލިތަން ފެނިގެން އޭނާ ބެލިއިރު އޭގެތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ހަތް ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.