ޖަރުމަން ގައުމީ ޓީމަށް ގިނަ ގުނަ ކާމިޔާބީތަކެއް ހޯދަދިން، އެ ޓީމްގެ ކުރީގެ ކެޕްޓަން އަދި ހުނަރުވެރި މިޑްފީލްޑަރު މައިކަލް ބަލަކް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ދެ ހާސް ނުވަ ވަނަ އަހަރު ވެސް ޖަރުމަން ގައުމީ ޓީމުގެ ކެޕްޓަން ކަން ކުރި ބަލަކް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށް މީޑިއާތަކަށް އޭނާ ދީފައިވާ ބައެއް އިންޓަވިއުތަކުގައި ބުނެފައި ވަނީ، ފުޓްބޯޅަ ކުޅުން އޭނާ ހުއްޓާލީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދިނުމުގެ ބޭނުމުގައި ކަމަށާއި އޭނާގެ ފުޓްބޯޅައިގެ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދިއްޖެ ކަން ޔަގީން ވުމުން ކަމަށެވެ.

"އަހެރެންގެ ފުޓްބޯޅައިގެ ކެރިއާގައި ގިނަ ކާމިޔާބީތަކެއް މިހާރު ހޯދިއްޖެ. އެ ކާމިޔާބީގެ ފަހަތުގައި ގިނަ ބަޔަކު އެބަތިބި. ހާއްސަކޮށް އަހަރެން އެންމެ ލޯބިވާ އާއިލާ އާއި ޖަރުމަންގެ ރައްޔިތުން" ބަލަކް ބުންޏެވެ.

އުމުރުން 36 އަހަރުގެ ބަލަކް ޖަރުމަން ގައުމީ ޓީމުން ފުރަތަމަ ޖާގަ ހޯދީ 1999 ވަނަ އަހަރުގެ ކުރީކޮޅެވެ. އެގޮތުން އޭނާ ޖަރުމަންގެ ގައުމީ ޓީމްގައި ހޭދަކުރި ދުވަސްތަކުގައި 98 މެޗް ކުޅެ، ޓީމަށް 42 ގޯލް ކާމިޔާބު ކޮށްދީފައިވެ އެވެ. އަދި ބަލަކް ޖަރުމަންގެ ގައުމީ ޓީމަށް އެންމެ ފަހުން ކުޅެފައި ވަނީ 2010 ވަނަ އަހަރެވެ.

ބަލަކްގެ ފުޓްބޯޅައިގެ ކެރިއަރުގައި އޭނަ ހޭދަ ކުރި ދުވަސްތަކުގައި އެ ގައުމުގެ ގިނަ ކުލަބުތަކުން ޖާގަ ހޯދާ، އެ ކުލަބްތަކަށް ވެސް ގިނަ ގުނަ ކާމިޔާބީތަކެއް ހޯދާދިން އިރު، ޗެލްސީއަށް ވެސް އޭނަ ވަނީ ކުޅެފަ އެވެ. އެގޮތުން ބަލަކް ވަނީ ޗެލްސީގައި ހޭދަކުރި ދުވަސްތަކުގައި އެ ޓީމަށް ޕްރިމިއާލީގައި އެފްއޭކަޕް ތަށި ހޯދާދިނުމުގައި ވެސް މުހިންމު ރޯލެއް އަދާކޮށްފަ އެވެ. އަދި 2002ގެ ވޯލްޑްކަޕާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ބަލަކް ވަނީ ޖަރުމަންގެ ޓީމަށް ކުޅެފަ އެވެ.