ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ 89 މީހެއްގެ މައްސަލަ އަލުން ކޯޓަށް ފޮނުވައިފި އެވެ.

އެ މައްސަލަ ކުރިން ކޯޓުން އަނބުރާ ފޮނުވާލާފައި ވަނީ ލިޔެކިޔުންތަަށް ފުރިހަމަ ނުވާތީ އެވެ. ނަމަވެސް އިއްޔެ އަލުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މައްސަލަ އިތުރަށް ދިރާސާކޮށް އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމަށް ފަހު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ 89 މީހުންގެ މައްޗަށް ވެސް ދައުލަތުންކޮށްފައި ވަނީ ޓެރަރިޒަމްގެ ކުށުގެ ދައުވާ ކަމަށާއި އެ މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ އެ އެންމެންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ތިންދޫ ޕޮލިސް ސްޓޭޝަނާއި އެތާނގެ ވެހިކަލްތަކާއި ގދ. އަތޮޅު ކައުންސިލް އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖެހި މައްސަލައާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން ހަތަރު ކުޑަކުއްޖެއްގެ މައްސަލަ މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ޖުވެނައިލް ކޯޓަށް ހުށަހަޅާފަ އެވެ. ޖުވެނައިލް ކޯޓުން މިހާރު ވަނީ އެމައްސަލަ ބަލައިގެންފަ އެވެ.

އިއްޔެ ޝަރީއަތަށް ފޮނުވާފައިވާ 89 މީހުންނަކީ ތަހުގީގު ނިންމައި މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު ފުލުހުން ޕީޖީ އޮފީހަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު އަށް މީހެއްގެ މައްސަލަ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

އެ އަށް މީހުންނަކީ، ފުލުހުން ބުނިގޮތުގައި، ތިނަދޫ ކައުންސިލް މެންބަރު އެރަށު އަސަރީގޭ، އަލީ އިކްރާމާއި އެރަށު ހިންދޫސް، ފާތިމަތު ޖަމީލާ އާއި ޑެން، މުހައްމަދު ނާސިހު ރަޝީދާއި ދީފްރަމްގޭ، އަހުމަދު އަޔާޒާއި ތެވެލި، ޝަހާއުﷲ ޝަމީމާއި އެ އަތޮޅު ފަރެސްމާތޮޑާ އެޕްރީލްގޭ، މުހައްމަދު ޖާއިޒާއި ހޯނޑެއްދޫ ބިންމާގޭ، އަހުމަދު އަނީލްގެ އިތުރުން އެ އަތޮޅު ވާދޫ ދިލްބަހާރުގޭ، ޒިހާން މުހައްމަދު އެވެ.

ޕީޖީ އޮފީހުން ބުނީ އެ އަށް މީހުންގެ މައްޗަށް އަދި ދައުވާކޮފައި ނުވާނެ ކަމަށާއި އެ މައްސަލަ ވެސް މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.