ކީރިތި ޤުރްއާނުގައި ޤިޔާމަތާ ބެހޭގޮތުން ވަޙީކުރައްވައިފައި ވެއެވެ.


"ކަންތައްތައް ބޮޑުވެދާ ދުވަސް (އެބަހީ: ޤިޔާމަތް ދުވަސް) ހަނދުމަ ކުރާށެވެ! (އެދުވަހުން) އެއުރެންނަށް ސަޖިދަކުރުމަށް ގޮވައިލައްވާނެތެވެ. ފަހެ، އެއުރެންނަކަށް (އެކަމަކަށް) ކުޅަދާނަވެގެންނެއް ނުވާނެތެވެ. (އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެ، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. ހަމަ ކަށަވަރުން، އެއުރެން ސަލާމަތުން ތިބި އިރު، ސަޖިދަކުރުމަށް ގޮވައިލައްވާ ކަމުގައި ވިއެވެ. ފަހެ، މި ޤުރްއާން ދޮގުކުރާ މީހުން ކަލޭގެފާނު ތިމަން ރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! އެއުރެންނަށް ނޭނގޭގޮތުން (ޢަޛާބުގެ ތެރެއަށް) ތިމަން ރަސްކަލާނގެ، އެއުރެން ނިކަން ހުރެ ގެންދަވާ ހުށީމެވެ."


(އަލްޤަލަމް: 42-44)


ޤިޔާމަތް ދުވަހުން ޣައިބުގެ ފަރުދާ ކެހިގެންދާ ހިނދު އަރަހުށި މާތް ﷲ އެކަލާނގެ ރަސްވަންތަކަމާއި، ގަދަކީރިތިވަންތަކަމާއިގެން ކަޝްފުވެވޮޑިގަންނަވާނެއެވެ. އެވަގުތު މާތްﷲ އަށް ސަޖިދައަށް ތިރިވެވޭ މީހުންނަކީ ސަލާމަތްކަން ލިބޭނެ މީހުންނެވެ. ސުވަރުގެ ވެއްދެވޭނެ މީހުންނެވެ. މާތްﷲ އަށް ސަޖިދަނުކުރެވޭ މީހުންނަކީ ޢަޛާބު ޙައްޤު ކަމުގައި ބެލެވޭނެ މީހުންނެވެ. އެބައިމީހުންގެ ޖާގަޔަކަށް ވާނީ ނަރަކައެވެ. ޖަހަންނަމައެވެ.


ޤިޔާމަތް ދުވަހުން މާތްﷲ އަށް ސަޖިދަކުރެވޭނީ މިދުނިޔޭގައި ޙައްޤުގެ ކުރިމަތީގައި ބޯލެނބި މީހުންނަށެވެ. މިދުނިޔޭގައި ޙައްޤު ފާޅުވުމަކީ މާތްﷲ ގެ ކަލާމްފުޅު ފާޅުވުމެވެ. މިގޮތުން އަރަހުށި މާތްﷲ އެކަލާނގެ ކަލާމްފުޅު ފާޅުކުރެއްވުމުގެ ޒަރީޢާއިން ބައްލަވައިވޮޑިގަންނަވަނީ އެކަލާނގެ ކުރިފުޅުމަތީގައި ބޯލަނބަން ތައްޔާރަށް ތިބީ ކޮން ބައެއް ކަމެވެ. އެކަލާނގެ ރަސްކަންފުޅަށް ބޯލަނބަން ތައްޔާރަށް ނެތީ ކޮން ބައެއް ކަމެވެ. ނުސީދާގޮތުން މިކުރައްވާ އިމްތިޙާނުން ފާސްވާ މީހުންނަކީ ސީދާ ކުރެވޭ އިމްތިޙާނުން ފާސްވާނެ މީހުންނެވެ.


އެންމެ ބޮޑު ހެޔޮކަމަކީ ހައްޤަށް އިޢުތިރާފުވުމެވެ. އަރަހުށި މާތްﷲ ގެ ރަސްވަންތަކަމަށް އިޢުތިރާފުވުމެވެ. މިދުނިޔޭގައި ކުރެވެމުންދަނީ އެއިމްތިޙާނެވެ. މިދުނިޔޭގައި މާތްﷲ އިންސާނާގެ ލޯމައްޗަކަށް ސީދާ ހާމަވެވޮޑިއެއްނުގަންނަވައެވެ. ނަމަވެސް މާތްﷲ އިންސާނާއަށް ވަނީ އޭގެ ބާރުގައި ޣައިބުގައިވާ ކަލަކު އޮޅުންފިލުވައިގަނެވޭފަދަ ބުއްދިއަކާއި ވިސްނުމެއް ދެއްވައިފައެވެ. އެބުއްދިއާއި ވިސްނުމުގެ ބާރުގައި ވަންހަނާގައި ވޮޑިގެންވާ ކަލާނގެ ރަސްކަންފުޅު ދެކެގަތުމަށްޓަކައެވެ.


އަރަހުށި މާތްﷲ މިދުނިޔޭގައި އެކަލާނގެ ޖަލްވާ ދައްކަވަނީ ކާއިނާތުގެ ސިފައިގައެވެ. އެކަލާނގެ ކަލާމްފުޅު އިޢުލާން ކުރައްވަނީ ޙަޤީޤަތް ފާޅުކުރެއްވުމުގެ ސިފައިގައެވެ. މިފަދަ ވަގުތުތަކުގައި އިންސާނާ ސާބިތުކޮށްދޭން ޖެހޭނީ އޭނާގެ މަޢުރިފާވެރިކަމެވެ. އޭނާ ޙައްޤުގެ ނިޝާންތަކުން ކަލާނގެ ރަސްކަންފުޅު ސިފަކުރާން ޖެހެއެވެ. އޭނާ ތެދުމަގަށް ގޮވައިލެވޭ ގޮވައިލުމުގެ ތެރެއިން އެކަލާނގެ ބަސްފުޅު އަޑުއަހާން ޖެހެއެވެ.


މި ދުނިޔޭގައި ތެދުމަގަށް ދެވޭ ދަޢުވަތަށް އިއުތިރާފު ނުވާ މީހާ ތިމާގެ އަމިއްލަ ނަފުސު އެހުށަހަޅަނީ ވަރަށް ބޮޑު ނުރައްކަލަކަށެވެ. ސާދާ މާނައެއްގައި ދަންނަވާނަމަ އޭނާ ޤަބޫލުނުކޮށް އެ ރައްދުކުރަނީ ހަމައެކަނި ތެދުމަގަށް ގޮވައިލެވުނު ގޮވައިލުމެއް ނޫނެވެ. އަދި ކީއްތޯއެވެ! އޭނާ ޤަބޫލުނުކޮށް އެދޫކޮށްލީ ޚުދު މާތްﷲ ގެ ޒާތުފުޅެވެ. އެފަދަ މީހަކަށް ޤިޔާމަތް ދުވަހުން އޭނާގެ ވެރި ރަސްކަލާނގެ ރަސްކަންފުޅަށް ސަޖިދަކުރުމުގެ ތައުފީޤެއް ނުލިބޭނެއެވެ. ޝައްކެއް ނެތެވެ. ޢާލަމްތަކުގެ ވެރި ރަސްކަލާނގެ އެކަލާނގެ ރަސްވަންތަކަމާއި ގަދަކީރިތިވަންތަކަމާއެކު ފާޅުވެވޮޑިގަތުމުން އެކަލާނގެ ޙަޟްރަތުގައި ސަޖިދަކޮށް އެކަލާނގެ ކައުވަންތަކަމަށް އިއުތިރާފުވުމުގެ ކުޅަދާނަކަން ނުލިބުމަށްވުރެ ބޮޑު ނިކަމެތިކަމެއް ނޯންނާނެއެވެ.