ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނާއި އެމްއެންޑީއެފްގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުވާ ކުރާ މައްސަލައިގައި މިއަދު ބާއްވާ ޝަރީއަތް ކެންސަލްކޮށްފި އެވެ.

ޖުޑީޝަރީގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް މިއަދު ވިދާޅުވީ އެ ދެ ބޭފުޅުންގެ ޝަރީއަތް މިއަދު ކެންސަލްކޮށްފައި ވަނީ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން އެއްބޭފުޅަކު އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ.

"ތަލްހަތު އިބްރާހިމް ކަލޭފާނާއި މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މައްސަލައިގައި މިއަދު ހަވީރު ބާއްވަން އޮތް ޝަރީއަތް ކެންސަލް ކޮށްފައި ވަނީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން އެއްބޭފުޅަކު އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ސަލާމުގަ ހުންނެވުމުން،" ލަތީފާ ވިދާޅުވި އެވެ.


ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ތޮލްހަތާއި ޒިޔާދުގެ މައްޗަށް ވެސް ކުރާ ދައުވާ އަކީ ގާނޫނާ ޚިލާފު ގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ގާނޫނުލް އުގޫބާތުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން، ނުވަތަ 2000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް އާދީއްތަ ދުވަހުގެ 4:00 އަށް ނަޝީދު ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ހުޅުމާލޭ ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.